ޚަބަރު

ނަތަންޔާހޫގެ ވާހަކަތައް ދިވެހި ސަރުކާރުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފި


ނަތަންޔާހޫގެ ވާހަކަތައް ދިވެހި ސަރުކާރުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ބައިނަލްއަޤުވާމީ އިޤްސާދީ ސަރަހައްދުތަކުގެ ތެރެއިން ފަލަސްޠީނުގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް ބިމެއް ގަދަބާރުން އެހެން ދައުލަތަކުން ނުވަތަ ޤައުމަކުން ނެގުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއްނޫންކަމަށާ، އަދި އެފަދަކަމަކީ ބައިނަލްއަގްވާމީ އުސޫލުތަކާއި ހަމަތަކާ މުޅިން ޚިލާފު ކަމެއްކަމަށެވެ.

ފަލަސްޠީނުގެ ބިމުން އެއްވެސް ތަނެއް ނެގުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޖެނީވާ މުޢާހަދާއާވެސް ޚިލާފު ކަމެއްކަމަށާ، އަދި އެކަމަކީ މެދުއިރުމަތީގައި ދާއިމީ ހަމަޖެހުން ގެނައުމުގެ ފުރުސަތު އިތުރަށް ގެއްލިގެންދާނެކަމެއް ކަމަށްވެސް މިބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފަލަސްޠީނުގެ މައްސަލައަށް ބޭނުން ވަނީ ދެ ދައުލަތެއް ޤާއިމުކުރުމުގެ ޙައްލެއްކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައިވިދާޅުވެފައިވެއެވެ. އެއީ 1967ވަނަ އަހަރު އޮތް ބޯޑަރުގައި ހުޅަނގު އައްސޭރިއަކީ ފަލަސްތީންގެ ވެރިރަށްކަމަށް ހަދައިގެން ގާއިމް ކުރެވޭ ދައުލަތަކަށް ވާން ޖެހޭނެ ކަމަށް ވެސް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ. ނަތަންޔާހޫ ވިދާޅުވެފައިވަނީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ، ހުޅަނގު އައްސޭރީގައި އޮންނަ އުރުދުން ވާދީ އަދި ޑެޑް ސީގެ އުތުރުގައި އޮންނަ ފަލަސްތީނުގެ ބިންތަކުގެ ތެރެއިން އިސްރާއީލުން މިހާރު ވެރިވެގެންފައިވާ ސަރަހައްދުތަކަކީ އިސްރާއީލުގެ ސަރަހައްދުތަކެއް ކަމުގައި ކަނޑައަޅާނެކަމަށެވެ.

ނަތަންޔާހޫ، އިސްރާއީލުގެ ބަޔަކަށް ހަދަން އުޅޭ ޖޯޑަން ވެލޭއަކީ ޕަލަސްތީނުގެ ފަސްދޮޅަސް ފަސް ހާހަށްވުރެ ގިނަ ރައްޔިތުން އުޅެމުންދާ ސަރަޙައްދެކެވެ.