ޚަބަރު

މިއުޅެނީ ރާއްޖެއަށް ލިބޭ މާލީ ތަނަވަސްކަމުގެ ބޭނުން ހިފާނެ ސިކުނޑިތަކެއް އުފައްދަން - ރައީސް


މިސަރުކާރުގެ ތަޢުލީމީ ސިޔާސަތު ބައްޓަންކޮށްފައިވަނީ ރާއްޖެއަށް ލިބޭ މާލީ ތަނަވަސްކަމުގެ ބޭނުން، އެންމެ ހެޔޮގޮތުގައި ހިފާނެ ގޮތުގެ، އުފެއްދުންތެރި ވިސްނުންތައް ބިނާކުރެވޭނެގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރ.އަލިފުށީ ސްކޫލަށް 50 އަހަރުފުރުނު ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލިފުށީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ފެށްޓެވީ އެރަށުގައި ތަޢުލީމް ފެށިގެން އައިގޮތުގެ މައްޗަށް އަލިއަޅުއްވާލައްވަމުންނެވެ. އެގޮތުން އަލުފުށީގައި ތަޢުލީމް އުނގަންނައިދޭން ފަށާފައިވަނީ މީގެ 80 އަހަރުކުރިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަލިފުށީ ސްކޫލްގެ ތަޞައްވުރުން ފެންނަނީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތު ތަންފީޒު ކުރުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަތަންކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އަލިފުށީ ސްކޫލްގެ ތަޞައްވުރުގެ ތެރޭގައި ހިމެނޭ، ހުރިހާ ކަމަކީވެސް، މި ސަރުކާރުން އެކަށައަޅުއްވާފައިވާ، ތަޢުލީމީ ސިޔާސަތުގައި ހިމެނޭ ކަންތައްތަކެއްކަމަށެވެ.

ތަޢުލީމީ ނިޒާމުގެ ތެރެއިން، ސަރުކާރުން ބޭނުންވާ އިޞްލާޙީ ބަދަލުތައް ގެނެވޭނީ، ދަރިންނަށް ރަނގަޅު ތަޢުލީމް ދީގެންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަދުލު އިންޞާފަށާއި ޙައްޤަށް ލޯބިކުރާ ނަޒާހަތްތެރި ފަރުދުން ބިނާކުރުމަށް ރައްޔިތުންނަށް ގޮވާލައްވާ އެކަން ކުރުމަށް ތަޢުލީމުގެ ތެރެއިން، ރިވެތި އަޚްލާޤުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމަށް އެދިވަޑައިގެންފައެވެ.

އަދި ކޮންމެ ޤައުމަކަށްވެސް އެންމެ ބޭނުންވަނީ އިޤްތިޞާދީ ފުދުންތެރިކަން ލިބުންކަމަށާ އިޤްތިޞާދަކީ އެ ތަނެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތާ އަޅައިބަލާއިރު ފުދުންތެރިކަމާއި މާލީގޮތުން މެދުވެރިވާ ޙާލަތެއްކަމަށް ރައީސް ވިދާޅުވިއެވެ. އެ ޙާލަތު ދުވަހުން ދުވަހަށް ރަނގަޅުކުރާނެ ގޮތުގެ ވިސްނުން، ރައްޔިތުންގެ ކިބައިގައި އުފެދިގެން އަންނަނީ އެ ބައެއްގެ ޢިލްމީ ޤާބިލުކަން އިތުރުވި މިންވަރަކުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރަން މި އުޅޭ ކަމަކީ އެއީ. މި ރާއްޖެއަށް ލިބޭ މާލީ ތަނަވަސްކަމުގެ ބޭނުން، އެންމެ ހެޔޮގޮތުގައި ހިފާނެ ގޮތުގެ އުފެއްދުންތެރި ވިސްނުން، ރައްޔިތުންގެ ކިބައިގައި އުފައްދައިދިނުން. ތަޢުލީމް ދިނުމުގެ އެންމެ އަސާސީ ބޭނުމަކީ އެއީ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އަލިފުށްޓަކީ، އަޅުގަނޑުމެން މި އުންމީދުކުރާފަދަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިފުށީ ރައްޔިތުންނަކީ ކިއްސަރު ވަޑާމުގައި އެފަދަ ދެވަނައެއް ނެތް ބައެއްކަން ފާހަގަކުރައްވައި އަލިފުށީ ރައްޔިތުންނަށް ތަޢުރީފްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މިހާރަށްވުރެ ކުރިއަރުވައި ތަރައްޤީކުރަންޖެހޭ ކިތަންމެ ފަންނަކާއި ކިތަންމެ ހުނަރެއް، ދިވެހިންގެ ކިބައިގައި އެބަހުރިކަމަށާ މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގައި ވަށައިޖެހޭ ތަޢުލީމަށް އިސްކަން ދީފައިވަނީ އެ ބޭނުމުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަދަރުސީ މަރުޙަލާއަކީ ކުދިންގެ ކިބައިގައި ހުރި ހުނަރުތަކާއި ޤާބިލުކަން ދެނެގަތުމުގެ މަރުޙަލާކަމަށާ ކޮންމެ ކުއްޖަކަށް އިމްތިޙާނުތަކުން މަތީ ވަނަތައް ނުހޯދުނަސް ޢަމަލީ ޙަޔާތުގައި ހުނަރާއި ޤާބިލުކަމުގެ ގޮތުން އެކުދިން މާ ހުޝިޔާރު ވެދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިޒަމާނުގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި، ޢަމަލީ މަސައްކަތްތަކަށް ކުދިން އަހުލުވެރިކުރުވުމަށް، އިސްކަންދެނީ މި ސަބަބުތަކަށްޓަކައި. ކިޔަވައިގެން ނުކުންނަ ކޮންމެ ކުއްޖަކީ، ޤައުމުގެ ތަރައްޤީގައި ބައިވެރިވުމުގެ ޤާބިލުކަން ހުރި، ޒުވާނަކަށް ހެދޭނީ އެގޮތަށް ކިޔަވައިދީގެން. މިކަން އެންމެ ރަނގަޅަށް ވަޒަން ކުރެވޭނީވެސް، އަލިފުށި ކަހަލަ ހުނަރުވެރި މުޖުތަމަޢެއްގެ މީހުންނަށް." ރައީސް ވިދާޅުވިއެވެ.

ޙަޤީޤީ ތަރައްޤީ އަންނާނީ އެމީހެއްގެ މުޖްތަމަޢު މިހާރު އޮތް ޙާލަތުން، އެއަށްވުރެ ތަހުޒީބީ ޙާލަތަކަށް ބަދަލުކުރާނެ ގޮތުގެ ވިސްނުމާއިއެކުކަމަށާ، ކޮންމެ ފަރުދަކީ، އެ ވިސްނުން އުފެއްދުމުގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން ހުރި މީހަކަށް ހެދައިގެންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ކާބަފައިން ދައްކަމުން އައި ނަމޫނާގައި ދަރިވަރުން ރަނގަޅަށް ހިފުމަށް އިލްތިމާސްކުރައްވަމުންނެވެ. ދަރިވަރުންނަށް ބޭނުންވާ ރަނގަޅު ފުރުޞަތުތައް މިހާރު ފަހިވަމުން އަންނަކަމށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ފާއިތުވި 50 އަހަރު އަލިފުށީ ސްކޫލަށް އެކި ގޮތްގޮތުން ޚިދުމަތްކުރެއްވި އަދި ސްކޫލަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދެއްވާފައެވެ.