ޚަބަރު

19ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަކީ އުފެއްދުންތެރިކަން އެންމެކުޑަ ދައުރު - އިދިކޮޅު


ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަކީ އުފެއްދުންތެރިކަން އެންމެ ކުޑަ ދައުރު ކަމުގައި އިދިކޮޅި ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް ޕީއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުތެރެއިން އުފެއްދުންތެރި މަސައްކަތްތަކެއް ނުކުރެވޭކަމަށެވެ. ހަމައެކަނި ވަކި މަޤުސަދެއް ޙާސިލްކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް ފިޔަވައި އިތުރު ކަމެއް ނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނާ ގުޅުންހުރި މަސައްކަތާއި ޤާނޫނީ މުހިންމު މަސައްކަތް ކުރަން އޮތްތަނަށްވާއިރު އެމަސައްކަތް މަޖިލިސް ތެރެއިން ނިމިދިޔަ ދައުރުގައި ނުކުރެވޭކަމަށް ޝިޔާމް ވިދާޅުވިއެވެ. މަޖިލީހުގެ ތެރެއިން ކުރެވެނީ ވަކިބަޔަކު މަޤާމުތަކުން ދުރުކޮށް، ސަރުކާރުން ބޭނުންވާ ބަޔަކު އެމަޤާމުތައް ގެނައުމުގެ މަސައްކަތާއި، ޤާނޫނީ ގޮތުން ސަރުކާތުން ކުރަންބޭނުންވާ ކަންކަން ކުރެވޭނޭ ގޮތަކަށް ޤާނޫނުތައް ބަދަލުކުރުމުގެ މަސައްކަތް އެކަނިކަމުގައި ޝިޔާމް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ޕީޕީއެމްގެ ނައިބް ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ މާދާމާރޭ އެކޯލިޝަންގެ ރެލީއެއް ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މިރެލީއަކީ ސަރުކާރުން ވެފައިވާ ވައުދުތަކާއި، ގޯސްކޮށް ކުރެވޭކަންކަން ސަރުކާރަށް ހަނދާންކޮށްދީ އެކަންކަން ކޮށްދިނުމަށް ބާރު އަޅައި އަޑުއުފުލުމުގެ ގޮތުން ބޭއްވޭ ޖަލްސާއެއްކަމަށް އޭނާ ވިދާޅުވިއެވެ.