ޚަބަރު

މިއަހަރުގެ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގައި ރާއްޖެއާއި އެކި ޤައުމުތައް ހިމެނޭހެން 300 ފަރާތަކުން ބައިވެރިވާނެ


އޭޑީކޭ ހޮސްޕިޓަލުން ކޮންމެއަހަރަކުން ބާއްވަމުން އަންނަ ބްރެއިން އެންޑް ސްޕައިން، މިއަހަރުގެ ކޮންފަރެންސަގައި ބައިނަލްއަޤްވާމީ ފަރާތްތަކާއިއެކު 300 ބައިވެރިން ހިމެނޭކަމަށް އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އޭޑީކޭގެ، ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ބާއްވާ މިއީ 3ވަނަ އަހަރެވެ. މިއަހަރުގެ ކޮންފަރެންސްގައި 300 ފަރާތުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، މީގެތެރޭގައި އެމެރިކާ، އޮސްޓްރޭލިއާ ފަދަ ޤައުމުތަކުން ނިއުރޯ ސަރޖަންޓުން ކޮންފަރެންސްގައި ބައިވެރިވާނެއެވެ. އަދި ޕޯޗުގަލާއި އަފްޣާނިސްތާން، ނޭޕާލް ހިމެނޭހެން ރާއްޖެއިން ބޭރުގެ 40 ފަރާތުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.

ކޮންފަރެންސްއާގުޅޭ މަޢުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްފާލް ވިދާޅުވީ މިކޮންފަރެންސް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއަށް ޒަމާނީ ސިއްޙީ ޚިދުމަތްތައް ގެނައުމަށް މަގުފަހިކަށް، އެޚިދުމަތްތައް ރާއްޖޭގައި ތިބެގެން ދިވެހިންނަށް ލިބޭނެމަގު ފަހިކޮށްދިނުންކަމަށެވެ. އޭނާ ވިދާޅުވީ މިކޮންފަރެންސްއަކީ ރާއްޖޭގައި ބާއްވާ ސިއްޙީ ދާއިރާގެ އެންމެ ބޮޑު ކޮންފަރެންސްއަށް ވެފައި، ބައިނަލްއަޤްވާމީ ޤައުމުތަކުގައި މިފަދަ ސިއްޙީ ޚިދުމަތް ދޭގޮތުގެ ތަރޖުރިބާ ދިވެހިންނަށް މި ކޮންފަރެންސްގެ ޒަރިއްޔާއިން ވަރަށް ބޮޑަށް ލިބޭނެކަމަށެވެ.

" އެންމެ މުހިންމު ކަމަކީ ޒަމާނީ ނޮލެޖު ހޯދުން. އާ ކަންކަން ރާއްޖެއަށް ގެނެސް އެކަންކަން ތަޖުރިބާކުރުން. ރާއްޖެއަށް މިފަދަ ޚިދުމަތްތައް ގެނައުމުގެ ޝަޢުގު އުފެއްދުން." އައްފާލް ވިދާޅުވިއެވެ.

ކޮންޕަރެންސް ރޭވިފައިވާ ގޮތާގުޅޭ މަޢުލޫމާތުދެއްވަމުން އޭޑީކޭގެ ސީނިއަރ ކޮންސަލްޓަންޓް ފޯރ ނިއުރޯސަރޖަރީ އަލީ ނިއާފް ވިދާޅުވީ ކޮންފަރެންސްގައި 63 ކަރުދާސް ހުށައަޅާނެކަމަށެވެ. އަދި ސަރޖަރީތައް ތަޖުރިބާ ކުރުމުގެ ފުރުސަތާއި، ސިކުނޑީގެ އޮޕަރޭޝަންތައް ކުރުމުގައި ބޭނުންކުރާ އެކި އުކުޅުތަކުގެ ޢަމަލީ ތަޖުރިބާ ލިބޭނެކަމަށް ވިދާޅުވިއެވެ. ޕެރަޑައިސް ރިސޯޓްގައި، ބްރެއިން އަދި ސްޕައިންއަށް ވަކިން ކޮންފަރެންސްތައް ބޭއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.

"ސްޓްރޯކްއާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި ކޮންފަރެންސްގައި ވާހަކަދައްކާނެ. ސްޓޯރޯކެއް ޖެހުނީމަ އެކަން ހުއްޓުވައި، ނުވަތަ ލޭ ގަނޑުވެ ކަމެއް ދިމާވީމަ ދެން ދޭންޖެހޭ ފަތުވާއަށް އެހާ އަހުލުވެރިއެއް ނޫން އަދި. މިކަންކަންމަށް ވަރަށް ބޮޑަށް ކޮންފަރެންސްގައި ބަލާނެ." ނިއާފް ވިދާޅުވިއެވެ.

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17އިން 19އަށެވެ. ބްރެއިން އެންޑް ސްފައިން ކޮންފަރެންސްގެ މިދިޔަ އަހަރު ކޮންފަރެންސްގައި 150 ފަރާތުން ބައިވެރިވެފައިވެއެވެ. މިއީ މިކޮންފަރެންސް ބާއްވާ 3ވަނަ އަހަރެވެ.