ޚަބަރު

އެމްއޭސީއެލްގެ 650 މުވައްޒަފުންނާއެކު ހުޅުލެ ސާފުކުރުމުގެ ބޮޑު ޙަރަކާތެއް!


"ސަޅި ހުޅުލެ"ގެ ނަމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްގެ މުވައްޒަފުން ނިކުމެ ހުޅުލެ ސާފުކުރުމުގެ ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތުގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 02:00އިން އިރުއޮއްސި 6އާއި ހަމައަށެވެ.

މިޕްރޮގްރާމާއި ގުޅޭ މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އެކްޓިން މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިހް ވިދާޅުވީ މިދިޔަ 2 އަހަރަކީ އެއަރޕޯޓްގައި ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ކުރިއަށް ދިޔަ އަހަރަކަށް ވުމާއިއެކު، އެއަރޕޯޓްގެ އެކި ސަރަޙައްދުތަކުގައި ދަނގަނޑުފަދަ ބަރު ކުނީގެ ބާވަތްތައް ޖަމާވެފައިވާކަމަށެވެ.

ޕްރޮގްރާމްގެ މަޤްސަދުތަކުގެ ތެރޭގައި އެއަރޕޯޓުން ދަތުރުކުރާ ފަރާތްތަކާއި، އަދި މުވައްޒަފުންނަށް ދުޅަހެޔޮ މާޙައުލެއް ހޯދައިދިނުންވެސް ހިމެނޭކަމަށް މޫސާ ޞާލިޙް ވިދާޅުވިއެވެ. އެމްއޭސީއެލްއިން ފެށި "ސަޅި ހުޅުލެ" ސާފުކުރުމުގެ ޕްރޮގްރާމް ސިސްލިލާ ގޮތެއްގައި ކުރިއަށްގެންދިއުމަށް އެ ކުންފުނިންވަނީ ނިންމާފައެވެ.

"އަންނަ އަހަރުގެ މެދުތެރެއާއި ހަމައަށް މި ޕްރޮގްރާމް ގެންދާނަން. މީގެ ބޮޑު 5 ކްލީނިން ޕްރޮގްރާން ބާއްވާނަން، އެއަރޕޯޓްގެ ހުރިހާ އޭރިއާއެއް ކަވަރ ވާގޮތަށް." މޫސާ ޞާލިޙް ވިދާޅުވިއެވެ.

ހުޅުލެ ސާފުކުރުމުގެ ޕްރޮގްރާމްގައި އިސްކޮށް ޙަރަކާތްތެރިވާ ކާގޯ ސަރވިސް މެނޭޖަރ އަމްޖަދު ނަސީމް ވިދާޅުވީ މިފަދަ ޕްރޮގްރާމެއްގެ ބޭނުމަކީ ސާފު ކުރާ ފަރާތްތަކަށް އުކާލުމަށް އުންދަގުވާ ކުނިތަށް އުކުމުގައި އެހީ ދިނުންކަމަށެވެ. އޭނާ ވިދާޅުވީ މިގޮތަށް ނަގާ ބައެއް ކުނީގެ ބާވަތްތައް ރިސައިކަލް ކުރުމަށްޓަކައި އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް ދިނުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.

" މިއީ ވެހިކަލް ގިނަ ތަނަކަށްވާތީ އެންމެ ގިނައިން މިހުރީ ވެހިކަލްއިން އުފެދޭ ދަގަނޑުފަދަ ކުނި. އެންމެ ބޮޑު ޢަމަޒަކީ އަތުން ފަސޭހައިން ނުއުފުލޭ ގޮތަށް ހުރި ކުނިތައް ނެގުން." އަމްޖަދު ނަސީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިޕްރޮގްރާމްގައި ޕްލާސްޓީކާއި އަދި އެހެނިހެން ބާވަތްތަކުގެ ކުނިތައް ނަގައި ވަކިކުރާނެކަމަށެވެ. ސާފުކުރުމުގެ މިޕްރޮގްރާމުގައި ގާތްގަނޑަކަށް އެމްއޭސީއެލްގެ 650އެއްހައި މުވައްޒަފުން ބައިވެރިވެއެވެ. މިޙަރަކާތް ކުރިއަށްގެންދަނީ އެމްއޭސީއެލްއިން ދެމުންދާ ޚިދުމަތަށް ބުރޫ ނާރާގޮތަށެވެ. އެމްއޭސީއެލް ކުންފުންޏަކީ 2700މުވައްޒަފުން މަސައްކަތް ކުރަމުންއަންނަ ކުންފުންޏެކެވެ.