ކުޅިވަރު

7 ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބް-ބޭސް އެޅުމުގެ މަސައްކަތާ އެމްޓީސީސީން ހަވާލުވެއްޖެ


ހަތް ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބް-ބޭސް އެޅުމުގެ މަސައްކަތާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)ން ހަވާލުވެއްޖެއެވެ.

މިނިސްޓްރީ އޮތް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓުގައި މިއަދު ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ހއ.ހޯރަފުށި، ވ.ކެޔޮދޫ، ތ.ތިމަރަފުށި، ލ.ގަން، ގދ.ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ފޭދޫގައި އަޅާ ފުޓުބޯޅަ ދަނޑުގެ ސަބް-ބޭސް އެޅުމަށެވެ. މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮތް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އަޙްމަދު މަހުލޫފާއި އެމްޓީސީސީގެ ސީއީއޯ ޙަސަން ޝާހެވެ. މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީން މި މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ މި މަސައްކަތަގެ ސަބަބުން އަތޮޅުތެރެއަށް ހުޅުވާލައިގެން ފުޓުބޯޅަ ލީގެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ، މީގެ ކުރިން ހަތަރު ރަށެއްގައި ދަނޑުގެ ސަބް-ބޭސް އެޅުމަށް ހަވާލުކުރެވިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އިތުރު ތިން ރަށެއްގެ ދަނޑުގެ ސަބް-ބޭސް އެޅުމަށް އެމްޓީސީސީއާ ހަވާލުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު 17 ވަރަކަށް ރަށުގެ ފުޓުބޯޅަ ދަނޑުގައި ޓަރފް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. އަދި މީގެ އިތުރުން، ވަރަށް އަވަހަށް މާލޭގެ ހެންވޭރު ދަނޑުގެ މަސައްކަތްވެސް ފައްޓަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހް ވިދާޅުވީ ސަރުކާރުން އެ ކުންފުންޏަށް އިތުބާރުކޮށް މިފަދަ ބޮޑެތި މަސައްކަތްތައް ހަވާލުކުރައްވާތީ އެކަން ވަރަށް ބޮޑަށް ބަލައިގަންނަކަމަށާއި ދީފައިވާ މުއްދަތުގެ ތެރޭގައި އެންމެ ފެންވަރު ރަނގަޅުކޮށް މި މަސައްކަތްތައް ނިންމާލެވޭނެމަކުގެ ޔަގީންކަން ދެއްވާކަމަށެވެ.

މި ހަފުލާގައި މި ރަށްތައް ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރުންވެސް ބައިވެރިވަޑައިގެންނެވިއެވެ.