ޚަބަރު

ދައުރުން ބޭރުން ބާއްވާ ޚާއްޞަ ޖަލްސާއެއް މާދަމާއަށް ތާވަލްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޚާއްޞަ ޖަލްސާއެއް މާދަމާ ބޭއްވުމަށް ތާވަލްކޮށްފިއެވެ.

މަޖިލިސް ޗުއްޓީގައި ވަނިކޮށް ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބާއްވަން ތާވަލްކޮށްފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން އެދުމުންނެވެ.

މާދަމާ ހެނދުނު 10:00ގައި ބާއްވާ އެޖަލްސާގެ އެޖެންޑާގައި ހިމަނާފައިވަނީ އެންމެ ކަމެކެވެ. އެއީ ޓެރަރިޒަމް މަނާކުރާ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާޙްތަކުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ޢަލި އާޒިމް ވިދާޅުވެފައިވަނީ ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބޭއްވުމަށް އެދުނީ ސަރުކާރުން ހުށައަޅާ އެ އިސްލާހުތަކަކީ މިހާރުން މިހާރަށްވެސް ގެންނަންޖެހޭ މުހިންމު އިސްލާޙުތައްކަމަށްވުމުން ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މިދައުރަށް ޗުއްޓީއަށް ދިއުމުގެ ކުރިން ބޭއްވި ފަހު ޖަލްސާގައިވެސް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ މަޖިލިސް ޗުއްޓީއަށް ދިޔަކަމުގައި ވީނަމަވެސް ކޮންމެފަދަ ހާލަތެއްގައިވެސް މަޖިލިސްގެ ޖަލްސާއެއް ބާއްވަން ޖެހިދާނެކަމަށެވެ.

ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން އެކުލަވާލި ޑްރާފްޓް ރިޕޯޓަށްފަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ޓެރަރިޒަމާ ބެހޭ ޤާނޫނާއި ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާހު ގެނަން ޖެހޭ ކަމަށެވެ. އަދި އެ އިސްލާހްތައް ގެނައުމަށް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން ހުށަހެޅުމުން 14 ދުވަސްކުރިން ޖަލްސާ ބާއްވަންޖެހެއެވެ.