ޚަބަރު

ފޮރިން މިނިސްޓަރ މިމަހުގެ 19ގައި ޗައިނާއަށް ފުރާވަޑައިގަންނަވަނީ


ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިމަހުގެ 19 އިން 20 އަށް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

މި ދަތުރުފުޅަކީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް މރ.ވާންގް ޔީ ގެ ދައުވަތަކަށް މިނިސްޓަރ ޝާހިދު ކުރައްވާ ދަތުރުފުޅެކެވެ. މިއީ 17 ނޮވެމްބަރު 2018 ގައި ފޮރިން މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވިފަހުން މިނިސްޓަރ ޝާހިދު ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެކެވެ.

މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި ޗައިނާގެ ނައިބު ރައީސް މރ.ވަންގް ގީޝާންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ އާއިއެކު ދެޤައުމުގެ ޒަމާންވީ ގާތް ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެކަމަށްވެސް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ. އަދި ދިވެހި ސަރުކާރުން އަބަދުވެސް ދަމަހައްޓަމުން އަންނަ "ވަން ޗައިނާ" ޕޮލިސީގައި ހިފަހައްޓައި، ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް"ގެ ބައިވެރިއެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.