ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުގައި ބޭއްވުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ޖަލްސާއެއް ބޭއްވުމަށް ހުށަހެޅީ ސަރުކާރުން ހުށަހަޅުއްވާފައިވާ ޓެރަރިޒަމް މަނާކުރާ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާޙްތަކާއި ގުޅިގެންކަމަށް. ޖުމްލަ 46 ގަނޑުގެ މައްޗަށް އެކުލެވޭ މި އިސްލާހުތަކަކީ މިހާރުން މިހާރަށްވެސް ގެންނަންޖެހޭ މުހިންމު އިސްލާޙުތައްކަމަށްވުމުން މަޖިލީހުން މިކަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖަލްސާއެއް މާދަމާ ބާއްވައި މިމައްސަލަ އެޖެންޑާ ކުރެއްވުމުގެ ވިސްނުން މަޖިލިސްރައީސް ގެންގުޅުއްވާކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މިދައުރަށް ޗުއްޓީއަށް ދިއުމުގެ ކުރިން ބޭއްވި ފަހު ޖަލްސާގައިވެސް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ މަޖިލިސް ޗުއްޓީއަށް ދިޔަކަމުގައި ވީނަމަވެސް ކޮންމެފަދަ ހާލަތެއްގައިވެސް މަޖިލިސްގެ ޖަލްސާއެއް ބާއްވަން ޖެހިދާނެކަމަށެވެ.
ރިޟުވާންގެ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ކުރަމުންދާއިރު ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މި މައްސަލަ ތަޙްޤީޤު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ޤާނޫނީ ހުރަސްތަކެއް ހުރިކަމަށެވެ. އެގޮތުން ޓެރަރިޒަމާ ބެހޭ ޤާނޫނާއި ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާހު ގެނައުމަށް މިހާރު ނިންމަވާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން ހުށަހެޅުމުން 14 ދުވަސްކުރިން ޖަލްސާ ބާއްވަންޖެހެއެވެ.