ޚަބަރު

ފޯ ސީޒަނުން ސަލާމަތްކުރި "ޕެގީ" ބޭ އޮފް ބެންގާލަށް!


ފިޔަގަނޑު ބިންދައިގެންގޮސް އެކިކަހަލަ ހާނީއްކަތައް ވެފައި އޮއްވައި ފޯ ސީޒަން ލަނޑާގިރާވަރުގެ "މެރިން ޑިސްކަވެރީ ސެންޓަރ"ގެ މެރިން ބަޔަލޮޖިސްޓުން ގަގައި ފަރުވާދިން ވެލާ މިހާރު ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ހުރަސްކުރުމަށްފަހު ބޭ އޮފް ބެންގާލް އަށް ދަތުރުކޮށްފިއެވެ.

"ޕެގީ"ގެ ނަމުން ނަންދީފައިވާ މިވެލައަށް ބޮޑެތި ހާނީއްކަތައްވެފައިވަނިކޮށް މާލެއަތޮޅު އުތުރުން ކުރަމަތި އައިލެންޑް ރިސޯޓާ ދިމާ ކަނޑުން ފެނުނީ 25 އޮގަސްޓު 2014އެވެ.

"ޕެގީ" ބޭ އޮފް ބެންގަލްއަށް ދަތުރުކުރިކަން އެނގިފައިވަނީ އޭތި މޫދަށް ދޫކޮށްލިއިރު އޭގެ ބުރަކަށީގައި ހަރުކޮށްފައިވާ "ޓްރެކިން ޑިވައިޒް"ގެ ޒަރިއްޔާއިންނެވެ. ފޯ ސިޒަންސް ރިސޓުން ދަނީ އެޑިވައިޒްގެ ޒަރިއްޔާއިން ޕެގީ ދަތުރުކުރަމުންދާގޮތް ބަލަމުންނެވެ.

މިވެލައަކީ ހާނިއްކަވެފައިވަނިކޮށް ނަގައި ބެލްޖިއަމްއަށް ފަރުވާދިނުމަށް ފޮނުވާލި ވެލާތަކުގެ ތެރެއިން ހަމައެކަނި ސަލާމަތްވި އެއްޗެވެ. އެޤައުމުގައި މިފަދަ ޖަނަވާރުތަކަށް ފަރުވާދޭ ޚާއްސަ ޒުލެއްގައި "ޕެގީ"އަށް އިތުރު ފަރުވާއާއި އެކި އެކްސަސައިޒް ދިނެވެ. މިއީ ރާއްޖޭގެ މިފަދަ ކަނޑުގެ ދިރުމަކަށް ފަރުވާދިނުމަށް، ނުވަތަ ކަނޑުގެ ދިރުންތަކާބެހޭ މިފަދަ ދިރާސާއެއްކުރުމަށް ޔޫރަޕަށް އެއްޗެއް ގެންދިޔަ ފުރަތަމަ ފަހަރެވެ.

އިތުރުފަރުވާއަށް ޔޫރަޕަށް ގެންދިޔަ 4 ވެލާގެ ތެރެއިން ފަރުވާއަށްފަހު އޭގެ އަސްލު މާޙައުލަށް ދެވޭވަރަށް ރަނގަޅުވީ "ޕެގީ" އެކަންޏެވެ. "ޕެގީ"އޭގެ ވަޒަނަށް ދޫކޮށްލިއުރުވެސް އޭތީގެ ކަނާތްފަރާތު ކުރީ ފިޔަފަތެއް ނެތެވެ. އެހެންނަމަވެސް ކަނޑުގެ ޤުދުރަތީ މާޙައުލުގައި، އޭތީގެ އަމިއްލަ ވަޒަނުގައި އަމިއްލައަށް އުޅުމުގެ ފުރިހަމަ ޤާބިލްކަން މިހާރު އެއަށްވަނީ ލިބިފައެވެ. ފަރުވާއަށްފަހު "ޕެގީ" ރާއްޖެއަށް ގެނައީ މިދިޔަ ޖޫންމަހުގެ 19 ވަނަދުވަހުއެވެ. އެއަށްފަހު ފޯސީޒަންގެ ކުޑަހުރާ ރިސޯޓުގައި އޭތި ބޭއްވުމަށްފަހު އޭތި މޫދަށް ދޫކޮށްލީ ޖޫންމަހުގެ 22 ވަނަ ދުވަހުއެވެ.

ބ.އަތޮޅުގައި ހިންގާ ފޯ ސީޒަން ލަނޑާގިރާވަރުގެ "މެރިން ޑިސްކަވެރީ ސެންޓަރ"އިން މެރިން ބަޔަލޮޖިސްޓުންނަށް "ޕެގީ" ހާނީއްކަވެފައިވަނިކޮށް 2014ވަނަ އަހަރުގެ އޮގަސްޓުމަހުގެ 25ވަނަ ދުވަހު ފެނުނީ މާލެއަތޮޅު އުތުރުން ކުރަމަތި އައިލެންޑް ރިސޯޓާ ދިމާއިންނެވެ. އެއަށްފަހު ކުޑަހުރާއަށް އޭތި ގެންދިޔައިރު އޭތިވަނީ އެކިކަހަލަ ހާނީއްކަތަކާއެކު ސިއްޙީގޮތުން ވަރަށްބޮޑަށް ބަލިކަށިވެ ބަނޑަށް ވައި އަރައި ފެންމައްޗަށް އަރާފައެވެ. އޭރުވެސް އޭގެ ކަނާތްފަރާތު ކުރީ ފިޔަތްގަނޑުވަނީ ބުރިވެފައެވެ. އަދި ބޮލަށްވެސް ވަނީ އަނިޔާވެފައެވެ. މީގެ އިތުރުން ވަތްފަރާތު ކުރީ ފިޔަފަތްގަނޑަށްވެސް ވަނީ ހާނީއްކަވެފައެވެ.

މި ހާނީއްކަތަކުގެ އިތުރުން ޤުދުރަތީ މާހައުލުގައި އަމިއްލައަށް ދިރިއުޅެވޭވަރަށްވުރެ ބޮޑަށް އޭތި އޮތީ ބަލިކަށިވެފައެވެ. އެހެންކަމުން ކުޑަހުރާގައި ވަނީ އެއަށް ފަރުވާދީފައެވެ. ޖިސްމާނީގޮތުން ލިބިފައިވާ ހާނީއްކަތަކަށް ފަރުވާ ދިނުމަށްފަހު އަމިއްލަށް އުޅެވޭފަދަ ޙާލަތަކަށް އޭތި ގެންދިއުމަށްޓަކައި ރިހެބިލޭޓްޓް ކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިޔައެވެ. އެއަށްފަހު އޭތި ފޯސީޒަންގެ ލަނޑާގިރާވަރަށް ބަދަލުކުރިއެވެ. ލަނޑާގިރާވަރުގެ "މެރިން ޑިސްކަވަރީ ސެންޓަރ"ގެ ދަށުން ހިންގާ ވެލާ ރިހެބިލިޓޭޝަން ސެންޓަރުގައިވެސް މި ވެލައަށް ފަރުވާދިނެވެ.

އެހެންނަމަވެސް އޭއްޗަށް މިތަނުން ދިން ފަރުވާއަށްފަހުވެސް ޤުދުރަތީ މާޙައުލަށް އޭތި ދޫކޮށްލެވޭ ވަރެއްނުވިއެވެ. ސަބަބަކީ މޫދަށް ދޫކޮށްލައިފިނަމަ އަމިއްލައަށް ފީނައި، ކާނާ ހޯދައި ސަލާމަތުން ދިރިއުޅެން މަސައްކަތްކުރުމުގެ ޤާބިލްކަން އޭއްޗަށް އޭރުނުލިބުމެވެ.

ޕެގީ"ގެ ދިރިއުޅުން އޭގެ އަސްލު މާޙައުލަށް ބަދަލުކުރުމުގެ އުންމީދު އެއަށް "ޕެގީ"ގެ ނަމުން ނަންދިން ފޯސީޒަންގެ ޓީމުން ކަނޑާނުލުމުގެ ނަތީޖާއަކީ މިއަދު އޭތި އަމިއްލައަށް އޭގެ މާހައުލިގައި ދިރިއުޅެން ފެށުމެވެ.