ވިޔަފާރި

އެމްއައިބީން ހިއްސާ ވިއްކުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި


މޯލްޑިވްސް އިސްލާމިކް ބެންކު، އެމް.އައި.ބީގެ ހިއްސާ ވިއްކުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

އެމްއައިބީން ހިއްސާ ވިއްކަން ފަށާފައިވަނީ މިދިޔަ ޖުލައިމަހުގެ 28 ވަނަ ދުވަހުއެވެ. ކުރިން އޮތް ގޮތުން ހިއްސާ ވިއްކުމަށް ކަނޑައެޅި މުއްދަތު މިމަހުގެ 18 ވަނަ ދުވަހަށް ހަމަވާނެއެވެ. އެމްއައިބީން ބުނީ ހިއްސާ ވިއްކުމަށް ކަނޑައެޅި މުއްދަތު އިތުރުކުރީ 28 ޖުލައި އަދި 15 އޮގަސްޓް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމުންކަމަށެވެ. އެހެންކަމުން ހިއްސާ ވިއްކުމުގެ މުއްދަތު 22 ސެޕްޓެމްބަރުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް އެމްއައިބީން ބުނެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ ހިއްސާ ވިއްކަމުންދާއިރު އެކުންފުނީގެ 31 އިންސައްތަ ހިއްސާ ވިއްކުމަށް ވަނީ ހަމަޖެހިފައިއެވެ. އެއީ ގާތްގަނޑަކަށް 6.9 މިލއަން ރުފިޔާކަމަށް އެމްއައިބީން ބުނެއެވެ. އެމްއައިބީގެ ހިއްސާއެއް 35 ރުފިޔާއަށް ވިއްކާއިރު މަދުވެގެން ގަނެވޭނީ 20 ހިއްސާއެވެ. އަދި މިއަދަދު 10 ހިއްސާއިން ބޭނުންވާ އަދަދަކަށް އިތުރުކުރެވޭނެކަމަށް ވެސް އެމް.އައި.ބީިން މަޢުލޫމާތުދެއެވެ.

އެމް.އައި.ބީން ހިއްސާވިއްކުމަށް ފަށާފައިވާއިރު ހިއްސާ ދެބަޔަކަށް ބެހިގެންވެއެވެ. އެއީ އިސްލާމިކް ބޭންކުގެ 157 މިލިއަން ރުފިޔާގެ ހިއްސާ އަދި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރގެ 87 މިލިއަން ރުފިޔާގެ ހިއްސާއެވެ. އިސްލާމިކް ބޭންކުން ބުނީ ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ބޭންކަށް ލިބޭނެކަމަށް ލަފާކުރެވޭކަމަށެވެ. އެމްއައިބީގެ ހިއްސާ އެ ބޭންކްގެ އޮންލައިން އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ގަތުމުގެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ބޭންކުގެ ވެބްސައިޓުން ވެސް މިކަމާއިބެހޭ މަޢުލޫމާތު ލިބެން ހުންނާނެކަމަށް ބޭންކުން ބުނެއެވެ.

2010 ވަނަ އަހަރު އުފެއްދި މޯލްޑިވިސް އިސްލާމިކް ބޭންކް، އަކީ އިސްލާމިކް ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ، އައިސީޑީގެ 10 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓާއި ސަރުކާރުގެ 1 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓާއެކު އުފައްދާފައިވާ ބޭންކެކެވެ. އެމްއައިބީއަކީ ރާއްޖޭގައި އިސްލާމީ ޝަރީޢާގެ އުސޫލުތަކާއި އެއްގޮތަށް ހިންގާ ހަމައެކަނި ބޭންކެވެ.