ޚަބަރު

ހަދަމުންދާ އިމާރާތެއްގެ 2 ވަނަ ފަންގިފިލައިން ވެއްޓި އަނިޔާވި ބިދޭސީ މީހާގެ ޙާލަތު ރަނގަޅު - ފުލުހުން


މާލޭގައި ހަދަމުންދާ އިމާރާތެއްގެ 2 ވަނަ ފަންގިފިލައިން ވެއްޓި އަނިޔާވި ބިދޭސީ މީހާގެ ޙާލަތު ރަނގަޅުކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗާއި ހަވާލާދީ ފުލުހުން ބުނެފިއެވެ.

މަޖީދީ މަގާއި ރަށް ދެބައި މަގު ގުޅުނު ހިސާބުގައި ހަދަމުންދާ އިމާރާތުން މިއަދު ހެނދުނު 10:45 ހާއިރު ވެއްޓިފައިވަނީ އުމުރުން 27 އަހަރުގެ ބަނގްލަދޭޝް ފިރިހެނެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މިހާދިސާއާއި ގުޅިގެން ބަލަންޖެހޭކަންކަން ތަޙުޤީޤުކުރަމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

ފަހަކަށް އައިސް މީހުން ދިރިއުޅެމުންދާ އިމާރާތްކުންނާއި ހަދަމުންދާ އިމާރާތްތަކުން އެކި ކަހަލަ ތަކެތި ވެއްޓި މީހުންނަށް ގެއްލުންވެ ބައެއް މީހުންގެ ފުރާނައަށާއި މުދަލަށް ގެއްލުންވެ ހިތާމަވެރި ހާދިސާތައް ހިނގަމުންދިއުމުގެ ސަބަބުން ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އިމާރާތްތަކާއި ކޮންސްޓަރކްޝަން ސައިޓްތަކުގައި ދިމާވާ ހާދިސާތައް މަދުކުރުމަށް ކަމާ ގުޅުން ހުރި ފާރާތްތަކުން ސައިޓްތަކަށް ޒިޔާރަތްކޮށް، އެތަންތަނުގެ ސަލާމަތީ ކަންތައްތައް ހުންނަ ގޮތުގެ އިންސްޕެކްޝަން ހަދައި، އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން އިސްލާހު ކުރުމަށް އަންގާ އެކަން ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަންނަނީ އަޅަމުނެވެ. މީގެ އިތުރުން، އިމާރާތްކުރުމުގެ ސިނާއަތުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެެ ގޮތުން ބިލްޑިންގ ކޯޑާއެކު އިތުރު 6 ޤަވާއިދެއް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެކުލަވާލާފައެވެ.

ޕްލޭނިންގ މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ތެރޭގައި، ބިލްޑިންގ ކޯޑާއި، ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދާއި، ޢިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި، ތަކެތި ޓެސްޓުކުރާ ފަރާތްތަކުގެ ގަވާއިދާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލުކުރުމުގެ ގަވާއިދު ހިމެނެއެވެ.

މީގެ އިތުރުން ޢިމާރާތްކުރުމުގެ ފަންނީ އަދި ޓެކްނިކަލް ދާއިރާތަކުގެ ޢިލްމީ ޕްރޮގްރާމުތަކުގެ ގަވާއިދާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރުމުގެ ގަވާއިދާއި، ޢިމާރާތްކުރުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު ހިމެނެއެވެ.