ސިޔާސީ

ދެ ދުވަހެއްގެ ތެރޭގައި ޖޭޕީއާއި އެކު ސަރުކާރުން މަޝްވަރާ ފަށަނީ


ކުރިއަށް އޮތް ދެ ދުވަހެއްތެރޭ ޖުމްހޫރީ ޕާޓީއާއިއެކު ސަރުކާރުން މަޝްވަރާތައް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ، ފަސް ކައުންސިލަރަކު ޕީ.ޕީ.އެމްއަށް ސޮއިކުރެއްވުމަށް މިއަދު މުލިއާގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.އިދިކޮޅު ޕާޓީތަކާއިއެކު ސަރުކާރުގެ ފަރާތުން މަޝްވަރާކުރައްވާނެ މަންދޫބުން ކަނޑައަޅާފައިވާއިރު، ޖުމްހޫރީ ޕާޓީއާއިއެކު މަޝްވަރާ ކުރެއްވުމަށް ހަމަޖައްސަވާފައިވަނީ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބާއި، ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒާއި، އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤު އިބްރާހިމްގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސެއިން ޝަރީފްއެވެ.މުލިއާގޭގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ރައްޔިތުންގެ ހައްޤުގައި، ޤައުމުގެ ކަންކަން ހަމަމަގަށް އެޅުވުމަށް އިދިކޮޅު ފަރާތްތަކާއިއެކު މަޝްވަރާކުރެއްވުމަށް އެމަނިކުފާނު ގޮވާލެއްވި ގޮވާލެއްވުމަށް އެއްވެސް ޝަރުތަކާއި ނުލާ އިޖާބަ ދެއްވާފައިވަނީ ހަމައެކަނި ޖުމްހޫރީ ޕާޓީކަމަށެވެ. އެހެންކަމުން ޖޭ.ޕީއާއިއެކު މަޝްވަރާގެ ކަންކަން ކުރެއްވުމަށް ސަރުކާރުން މިހާރު ތައްޔާރުވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.ރާއިސް ޔާމިން ވިދާޅުވީ، ސަރުކާރާއިއެކު މަޝްވަރާގެ ކަންކަން ކުރިއަށްގެންދިޔުމުގައި  އެމް.ޑީ.ޕީއާއި އަދާލަތު ޕާޓިގެ ފަރާތުން މާބޮޑު އެއްބާރުލުމެއް ލިބެމުންނުދާކަމަށެވެ. އަދި ބަދަލުގައި އެ ދެ ޕާޓީގެ ފަރާތުންވެސް ފެނިގެންދަނީ ވަކި ފަރުދެއްގެ ހައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ މަންޒަރުކަމަށާއި، ރައްޔިތުންގެ ނަމުގައި ސުލްހަވެރި ހަރަކާތްތައް ހިންގުމަށް ކަމަށްބުނެ އިދިކޮޅު ފަރާތްތަކުގެ ކިބައިން ފެނިގެންދަނީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލުތަކެއްކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.އެމަނިކުފާނު ވިދާޅުވީ، ވެރިކަން ކުރާ ޕާޓީގެ ހައިސިއްޔަތުން ޕީ.ޕީއެމުން އަބަދުވެސް މަސައްކަތްކުރަމުންދާނީ ރައްޔިތުންގެ ހައްޤުގައި، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ކަމަށާއި، އެކަންކުރުމުގައި އިދިކޮޅު ފަރާތްތަކުގެ ބައިވެރިވުންވެސް ހޯއްދަވާނެކަމަށެވެ.މިއަދުގެ ރަސްމިއްޔާތުގައި، ފަސް ރަށެއްގެ ކައުންސިލް ރައީސުންގެ ޕީ.ޕީއެމްއާއި ގުޅިވަޑައިގެންފައިވާއިރު، އެފަރާތްތަކުގެ ފޯމްތަކާއި ހަވާލުވެވަޑައިގަތީ ރައީސް ޔާމީން އެވެ.