ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުން އަލަށް ބޭނުންކުރަން ފެށި ކެލްމޭ ބްރޭންޑްގެ ޖާޒީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.
ޤައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީ ރައީސް އިފްތިތާކޮށްދެއްވީ ވަރލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ދިވެހިރާއްޖެއާއި ޗައިނާ ރޭ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ތެރެއިންނެވެ.
ޤައުމީ ޓީމުގެ އައު ޖާޒީ އިފްތިތާހުކުރިއިރު، ޤައުމީ ފުޓްބޯޅަ ޓީމުން ބޭނުން ކުރަމުން އައި ޖޯމާ ބްރޭންޑް ހަތަރު އަހަރު ފަހުން ދޫކޮށްލުމަށްފަހު ސްޕެއިންގެ ކެލްމޭ ބްރޭންޑަށް ވަނީ ބަދަލުކޮށްފައެވެ. ޤައުމީ ޓީމުގެ ޖާޒީ ބްރޭންޑް ބަދަލުވިކަމުގައިވީ ނަމަވެސް ޤައުމީ ޓީމުން އަލަށް ފަރުމާކުރި ޖާޒީއާއި ތަފާތެއް ނުހުންނާނެއެވެ. އަދި ހޯމް އެންޑް އަވޭ ޖާޒީވެސް ހުންނާނީ ހަމަ ކުރީގެ ފަރުމާއަށެވެ.
ކެލްމޭ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދެމެދު ވެފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެކެއެވެ.
މި އެއްބަސްވުމުގެ ދަށުން ޖޫނިއާ އަންހެން އަދި ފިރިހެން ޤައުމީ ޓީމުގެ އިތުރުން ސީނިއާ އަންހެން އަދި ފިރިހެން ގައުމީ ޓީމުން ބޭނުންކުރާނީ ކެލްމޭ ބްރޭންޑެވެ.