ޚަބަރު

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެސްޓީއޯ


މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2019ގެ ޕްލެޓިނަމް ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯ ހަމަޖައްސައިފިއެވެ.

މި ކޮންފަރެންސްގެ ޕްލެޓިނަމް ޕާޓްނަރަކަށް އެސްޓީއޯ ހަމަޖެއްސުމުގެ އެއްބަސްވުމުގައި ކޮންފަރެންސް ބާއްވާ އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަފްޢާލްއެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ސެކްރެޓަރީ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހުއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯ ސާރޖަން ޓީމުން އިސްނަގައިގެން ބާއްވާ މި ކޮންފަރެންސްގެ މަގުސަދަކީ އެ ދާއިރާގެ ރިސާރޗް ތަކާއި އައު ހޯދުންތަކާއި ކުރިއެރުންތައް ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ މެދުގައި ހިއްސާކުރުމުގެ ފުރުސަތެއް ހޯދައި ދިނުމެވެ.

އެސްޓީއޯއިން ބުނީ މިފަދަ ކޮންފަރެންސެއްގައި ބައިވެރިވުމުގެ މަގްސަދަކީ ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރެވޭ މިފަދަ ކަމެއްގައި އެ ކުންފުންޏަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުންކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 17 ން 19 އަށް ބާއްވާ މި ކޮންފަރެންސަކީ އޭޑީކޭ ހޮސްޕިޓަލް އިން ހިންގާ މި ސިލްސިލާގެ 3 ވަނަ ކޮންފަރެންސެވެ.