ކުޅިވަރު

ނަތީޖާ އަނބުރާ ނުލެވުނީ "ކޫސަނި" ދެ ޕެނަލްޓީ ރެފްރީ ޗައިނާއަށް ދިނުމުން: ސެގާޓް


ނަތީޖާ އަނބުރާ ނުލެވުނީ އާދައިގެ ދެ ޕެނަލްޓީ ރެފްރީ ޗައިނާއަށް ދިނުމުންކަމަށް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ޕީޓަރ ސެގާޓް ބުނެފިއެވެ.

ފީފާ ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ޗައިނާ އަތުން ގަލޮޅު ދަނޑުގައި ރާއްޖެ ބަލިވީ ފަހެއް ސުމެއްގެ ބޮޑު ތަފާތަކުންނެވެ.

މެޗަށްފަހު ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ބުނީ ދިވެހި ޓީމް ބޮޑު ތަފާތަކުން ބަލިވީ ރެފްރީގެ ނިންމުންތަކުގެ ސަބަބުންކަމަށެވެ. އޭނާ ބުނީ ނަތީޖާ ދޭއް ސުމެއްގައި އޮއްވާ ރެފްރީ ދިން ދެ ޕެނަލްޓީއަކީ މެޗު އެއްކޮށް ޗައިނާ ކޮޅަށް އެނބުރު ސަބަބުކަމަށާއި، ދެ ޕެނަލްޓީއަކީވެސް ވަރަށް އާދައިގެ ދެ ޕެނަލްޓީކަމަށެވެ.

ކޯޗު ސެގާޓް ބުނީ ދެވަނަ ހާފުގެ ކުރީކޮޅު ދިވެހި ޓީމަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުން ގޯލެއް ޖެހުނުނަމަ މެޗުން ޕޮއިންޓެއް ހޯދުމުގެ ފުރުސަތު ބޮޑުވީސްކަމަށެވެ. އެހެންނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ޗައިނާއަކީ ހުރިހާ ގޮތަކުންވެސް ދިވެހި ޓީމަށްވުރެ ވަރުގަދަ ޓީމެއްކަމަށާއި، އެ ޓީމުގެ ކޯޗު ލިއްޕީ ވަރަށް ބޮޑަށް މެޗަށް ޓީމް ތައްޔާރުކޮށްފައިއޮތްކަން ފެނުނުކަމަށެވެ.

ދިވެހި ޓީމް ގުއާމްއާއި ދެކޮޅަށް ކުޅުނު މެޗުގެ ގޭމް ޕްލޭން ވަރަށް ބޮޑަށް ބަލައި އެއަށް ޗައިނާއިން ތައްޔާރުވެފައިއޮތް މިންވަރު ފެނުނުކަމަށް ކޯޗު ސެގާޓް ބުންޏެވެ. އޭނާ ބުނީ ގުއާމް މެޗަށްފަހު ދިގު ދަތުރެއްކޮށް އެހާ ބޮޑު ރެސްޓެއް ނެތި ދިވެހި ޓީމް ކުޅެން ޖެހުނުއިރު، މުޅި ޗައިނާ ޓީމް އޮތީ މި މެޗަށް ތާޒާކޮށްކަމަށާއި، އެ ތަފާތު ވަރަށް ބޮޑަށް ފެނުނުކަމަށެވެ.

"ދެވަނަ ހާފުގައި އަހަރުމެން ފެށީ ވަރަށް ރަނގަޅަށް. ގޯލް ޖަހަންވެސް ލިބުނު، ދަނޑިގައި ޖެހުނު ބޯޅަ ނުވަތަ ކީޕަރު ސޭވްކުރި ބޯޅަ ވަތްނަމަ ނަތީޖާ އަނބުރާލުމުގެ ފުރުސަތު ބޮޑުވީސް. އެހެންނަމަވެސް މިއީ ޗައިނާ ފަސޭހައެއް ނުވާނެ އެޓީމް ބަލިކުރާކަށް"