ޚަބަރު

ހުވަދޫ ސްކޫލްގެ ދަރިވަރުންނަށް ފޯރުކޮށްދިން ނާސްތާގައި އެއްވެސް މައްސަލައެއް ނެތް - މިނިސްޓްރީ


ގދ.ފަރެސްމާތޮޑާ ހުވަދޫ ސްކޫލުގެ ދަރިވަރުންނަށް ސްކޫލުން ފޯރުކޮށްދިން ނާސްތާގައި އެއްވެސް މައްސަލައެއް ނެތްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހުވަދޫ ސްކޫލްގެ ދަރިވަރުންނަށް ދިން ނާސްތާ ޕެކަކުން ފުޅައެއް ފެނިއްޖެކަމަށް ބުނެ މީޑިއާގައި ފެތުރެމުންދާ ޚަބަރާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ އެ ސްކޫލުގެ ދަރިވަރުންނަށް މިމަހުގެ ނުވަވަނަ ދުވަހު ފޯރުކޮށްދިން ނާސްތާގައި އެއްވެސް މައްސަލައެއް ނެތްކަމަށެވެ.

އަދި ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމަށް ތަކެތި ސަޕްލައި ކޮށްފައިވަނީ ހެނދުނު ހަގަޑި ތިރީސް ފަހެއްގައި ކަމަށާއި ތަކެތި ސަޕްލައި ކުރުމުން ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމުގެ އުޞޫލާއި އެއްގޮތަށް، ސްކޫލްގައި ޤާއިމުކޮށްފައިވާ ތާޒާކަން ކަށަވަރުކުރާ ކޮމިޓީން އެތަކެތިހުރީ ކޮންޓްރެކްޓްގައި ބަޔާންކުރާ މިންގަނޑުތަކާއި އެއްގޮތަށްތޯ ބަލާފައިވާކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ހުވަދޫސްކޫލްގެ ދަރިވަރުންގެ ނާސްތާ އާއި ގުޅޭ ވީޑިއޯއެއްކަމަށްބުނެ ދައުރުވަމުންދާ ވީޑިއޯއަކީ އެސްކޫލްގެ ދަރިވަރުންގެ ހެނދުނުގެ ނާސްތާ ނިމުމަށްފަހު ސްކޫލްގެ ބައެއް މުވައްޒަފުން ހެނދުނުގެ ނާސްތާ ނަގަމުންދިޔަވަގުތު މުވައްޒަފުންގެ ބޭނުންކުރަމުން ދިޔަ ތަކެތީގެތެރެއިން ނަގާފައިވާ ވީޑިއޯއެއްކަމަށެވެ. އަދި އެ ވީޑިއޯ ނަގާފައިވަނީ އެދުވަހުގެ ނާސްތާނިމުމުގެ 2 ގަޑި އިރު ފަހުން، އެތަކެތި ސްކޫލުން ގެންދިޔަ ފަހުންކަމަށް ސުކޫލުގެ މުވައްޒަފުންނާއި ކޮންޓްރެކްޓަރވެސް ފާހަގަކުރައްވާފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ދަރިވަރުންނަށް ހެނދުނުގެ ނާސްތާއަށް ފޯރުކޮށްދެވޭ ތަކެއްޗަކީ ތާޒާ، ސިއްޙީގޮތުން ފައިދާހުރި ތަކެތި ކަން މިމިނިސްޓްރީން އަބަދުވެސް ކަށަވަރުކުރަމުން ގެންދާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ނާސްތާ ދެވޭ ސްކޫލްތަކުގައި އެކަން ކަށަވަރުކުރުމުގެ ގޮތުން ދެވޭ ނާސްތާގެ ތާޒާކަން ކޮންމެ ދުވަހަކު ޗެކްކުރުމާއި ދިމާވާ އެހެނިހެން ކަންކަން ހައްލުކުރުމުގެ ގޮތުން ސްކޫލްތަކުގައާއި މި މިނިސްޓްރީގައި އުފައްދާފައިވާ ކޮމެޓީތަކުން ނާސްތާގެ އެންމެހާ ކަންކަން އަންނަނީ ދުވަހުން ދުވަހަށް ބަލަމުންނެވެ.

މީގެ އިތުރުން ނާސްތާ ޕްރޮގްރާމް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަންޖެހޭކަންކަން ފާހަގަކޮށް އެކަންކަމަށް ގެންނަން ޖެހޭ ބަދަލުތައް ކަމާގުޅޭފަރާތްތަކުގެ މަޝްވަރާއާއެކު ގެންނަމުންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.