ޚަބަރު

ރިޔާސީ ކޮމިޝަނުން ތަޙްޤީޤުކުރާ މައްސަލަތަކާއި ގުޅިގެން ތަންތަނާއި މީހުން ބަލާ ފާސްކުރަނީ


މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން ތަންތަނާއި މީހުން ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންއަކީ "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ބަލާފާސްކުރަން ބޭނުންވާ ތަންތަނާއި، މީހުން ބަލާފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއްކަމަށެވެ.

ފުލުހުން ވިދާޅުވީ ތަންތަނާއި މީހުން ބަލާފާސްކުރަނީ އެ ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތައް ތަންފީޒުކުރުމަށް ކަަމަށެވެ.

މި އޮޕަރޭޝަންގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި، ފޮރެންސިކް ސަރވިސް ޑިޕާޓްމަންޓާއި، ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ފުލުހުން ބައިވެރިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަން ކުރިއަށް ދާއިރު މާލޭ އާއި އައްޑޫ ސިޓީގެ އާއްމު ސަލާމަތީ ކަންކަންވެސް ފުލުހުން އިތުރަށް ވަރުގަދަކޮށްފައިވާނެކަމަށް އެސަރވިސުން ވިދާޅުވެއެވެ.

ފުލުހުން ވަނީ އެއްވެސް ފަރާތަކުން މި މަސައްކަތަށް އެހީތެރިވެވޭފަދަ މަޢުލޫމާތެއް ދެއްވަން ބޭނުންފުޅުވާނަމަ 3322111 ނުވަތަ 119 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ފުލުހުން މި އޮޕަރޭޝަން ފަށާފައިމިވަނީ މަރާލާފައިވާ ނޫސްވެރިޔާ ރިޟުވާން އަބްދުﷲ ގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްގައި ހިމެނޭ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވަނިކޮށެވެ.

އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ވަނީ ބަންދުކުރަންޖެހޭ މީހުން އިންސާފުގެ ތެރެއިން ބަންދު ކުރެވޭނޭކަމުގައި ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ފެށުނީއްސުރެ ވަކަލާތުކުރަމުންއައި އުސޫލު ހަނދާން ނައްތާލައިގެން ނުވާނެކަމަށާއި، ކުށްކުރާ މީހުންނާ ދޭތެރޭގައިވެސް ޢަމަލުކުރަމުންދާނީ އިންސާފުވެރިކަމާއެކު ކަމަށެވެ.