ޚަބަރު

ޔާމީންގެ މަރުގެ ޝަރީއަތް: ހެކި ހުށަހެޅިގޮތާމެދު ޚިޔާލު ތަފާތުވެ، ހެކިބަސް ނެގުން ފަސްކޮށްފި


ބްލޮގަރ ޔާމިން ރަޝީދު މަރާލުމުގެ ދައުވާ ލިބޭ އެންމެންނާ ދެކޮޅަށް ދައުލަތުން ހުށައެޅި ހެއްކަކާމެދު ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުންނާމެދު ޚިޔާލު ތަފާތުވުން އުފެދި އެ ހެކިވެރިޔާގެ ހެކިބަސް ނެގުން ފަސްކޮށްފިއެވެ.

ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ގދ. ގައްދޫ، ސިންދުބާދުގެ، މުހައްމަދު ދިފްރާން އާއި މ. ކުދެހިގެ، ހަސަން ޝިފާޒު އާއި ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދު އާއި މ. އިރާސްމިކްގެ، އަހުމަދު ޒިހާން އިސްމާއިލްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދާއި މ. ކޮޅުފުށި، އީސްޓް، ހުސެއިން ޒިޔާދުގެ މައްޗަށެވެ.

މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަކީލުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނީ ފުލުސް އޮފިސަރެއް ކޯޓަށް ހާޒިރުކޮށް އޭނާ ހާޒރުކޮށް ހެކިބަސް ނަގަނީ ދައުވާ ލިބޭ އެންމެންނާ ދެކޮޅަށް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވުމުން އެވެ.
އާދަމް މުހައްމަދު ނަމަކަށް ކިޔާ ފުލުސް އޮފިސަރ ކޯޓަށް ހާޒިރުކުރީ ދައުލަތުން ހުށައެޅި ވީޑިއޯއެއް އެނަލިސިސް ރިޕޯޓް ތައްޔާރުކުރި މީހެއްގެ ގޮތުންނެވެ.

ނަމަވެސް އެ ރިޕޯޓް ހުށައަޅާނީ ކާކާ ދެކޮޅަށް ކޮންކަމެއް ސާބިތުކުރަން ކަމަށް ވިދާޅުނުވެ ހުރިހާ އެންމެންނާ ދެކޮޅަށްކަމަށް ވިދާޅުނުވެނޭ ކަމަށް ދިފާއުން ވަނީ ފާހަގަ ކޮށްފައެވެ. ދައުވާ ލިބޭ މީހުންގެ ބައެއް ވަކީލުން ވިދާޅުވަމުން ގެންދެވީ އޭނާގެ މުވައްކިލާ ދެކޮޅަށް އެ ރިޕޯޓް ހުށައަޅާފައި އޮތްކަން ނޭނގޭ ކަމަށެވެ. އަދި ވަކި ކަމެއް ސާބިތުކުރުމަށްކަން ބަޔާންކުރުމެއް ނެތި ހުށައަޅާ ހެކިންގެ ހެކިބަސް ނެގުމަކީ ޖިނާއީ މައްސަލަތަކުގައި އަމަލުކުރާ ގޮތެއް ނޫންކަމަށްވެސް ބައެއް ވަކީލުން ގެންދިޔައީ ވިދާޅުވަމުންނެވެ.

އެއާއަކު ދައުލަތުގެ ވަކީލު ވަނީ އެ ހެކި ހުށައަޅަނީ ދައުވާ ލިބޭ ދިފްރާންއާއި ޝިފާޒްއާ ދެކޮޅަށް ކަމަށް ވިދާޅުވެ ހުރިހާ އެންމެންނާ ދެކޮޅަށް ކަމަށް އޭގެ ކުރިން ވިދާޅުވި ވިދާޅުވުން ބަދަލު ކުރައްވާފައެވެ. އަދި އެ ހެކި ހުށައަޅަނީ ޔާމީން ރަޝީދު މަރާލި ރޭ ވަކި ސައިކަލެއްގައި އެމީހުން އުޅުނުކަން ސާބިތުކުރަން ކަމަށްވެސް ވިދާޅުވިއެވެ.

އެއީ އެންމެންނާ ދެކޮޅަށް ހުށައެޅި ހެއްކެތް ކަމަށް ނުބަލައި އެ ދެމީހުންނާ ދެކޮޅަށް ހުށައަޅާ ހެއްކެތްގެ ގޮތުގައި ހެކިބަސް ނެގުމަށް އެދިވަޑައިގަތުމުން ދައުލަތުން ސްޓޭންޑް ބަދަލު ކުރަމުންދާތީ ބައެއް ދިފާއީ ވަކީލުން އެކަންވެސް ފާހަގަ ކުރައްވާފައިވެއެވެ. އަދި ދިފްރާންގެ ދިފާއީ ވަކީލު ވަނީ ދިފްރާން ސައިކަލެއް ދުއްވިކަން ދައުލަތުން އުފުލި ދައުވާގެ އެއްވެސް ހިސާބެއްގައި ބުނެފައިނުވާ ކަމަށް ވިދާޅުވެފައެވެ.

އެއާއެކު ދައުލަތު ވަކީލު ވަނީ އެކަންކަން ސާފުކުރުމަށް ފުރުޞަތު ދިނުމަށް އެދިވަޑައިގެންފައެވެ. އަދި އެ ފުލުސް މީހާގެ ހެކިބަސް ނެގުން ފަސްކޮށްދިނުމަށްވެސް ދައުލަތުން ވަނީ އެދިވަޑައިގެންފައެވެ. ދައުލަތުގެ ވަކީލުގެ އެގޮތައް އެދިވަޑައިގަތުމުން އެ މައްސަލަ ބައްލަވާ ގާޒީވެސް ވަނީ އެހެން ދުވަހެއްގައި އެ ރިޕޯޓާ ގުޅޭ ގޮތުން ހެކިވެރިޔާގެ ހެކިބަސް ނެގުމަށް ނިންމަވާފައެވެ.

ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ފުލުސް މީހާއަކީ ދައުލަތުން މައްސަލަ ސާބިތުކުރަން ހުށައެޅި ވީޑިއޯގައި ފެންނަ މީހުންނާ ދައުވާ ލިބޭ މީހުންނާ އެއްގޮތް ސިފަތައް ހުރިކަން ބަޔާންކޮށް ރިޕޯޓް ވެސް ތައްޔާރުކުރި މީހާއެވެ. އަދި އޭނާ ވަނީ މި އަޑުއެހުމުގައި ވެސް ދައުވާ ލިބޭ ދެ މީހަކާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓަކާ ގުޅޭ ހެކިބަސްވެސް ދީފައެވެ.

އޭނާ ހެކިބަސް ދީފައިވަނީ މުޙައްމަދު ޒިފްރާން އާއި ޙަސަން ޝިފާޒް އާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓާ ގުޅޭ ގޮތުންނެވެ. އޭނާ ބުނީ ފުލުހުން ދިން ވީޑިއޯ ފޫޓޭޖްގައިވާ ދެ މީހަކާ ޒިފްރާން އާއި ޝިފާޒް އާ އެއްގޮތް ސިފަތަކެއް ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ.