ޚަބަރު

ށ.އަތޮޅުގެ ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް "އައުޓް ރީޗް" ޕްރޮގްރާމެއް ފަށައިފި


ށ.އަތޮޅުގެ ރަށްތަކުގެ ސިއްޙީ ދާއިރާ ހަރުދަނާކުރުމުގެ ގޮތުން "އައުޓް ރީޗް"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.

އެއަތޮޅުގެ އަތޮޅު ހޮސްޕިޓަލުން އިސްނަންގަވައިގެން ކުރިއަށްގެންދާ މިޙަރަކާތަކީ ރައްޔިތުންނާއި ސްކޫލް ދަރިވަރުން ހޭލުންތެރިކޮށް މަޢުލޫމާތު ދިނުމުގެ މަޤުސަދުގައި ފެށި ޙަރަކާތެއް ކަމަށް އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ށ.އަތޮލު ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ޒުމްރަތު ވިދާޅުވީ އަތޮޅުގެ ހުރިހާ ރަށްތަކުގެ ސިއްޙީ ހާލަތު ބައްލަވާ، ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވުމުގެ މަޤުސަދުގައި ފެށި މިދަތުރުގެ އަމާޒަކީ ސިއްޙީ ދާއިރާއަށް ރަނގަޅު ބަދަލުތަކެއް ގެނައުން ކަމަށެވެ.

މިއަދު ފެށި ދަތުރުގައި އެ އަތޮޅުގެ ދެރަށަކަށް ދާން ނިންމާފައިވާކަމަށް ޒުމްރަތު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެހެން ރަށްތަކަށް ދިއުމަށް އަމާޒު ހިފާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ށ.އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ ސްޕެޝަލިސްޓުންނާއެކު ކުރާ މިދަތުރުގައި ގިނަ ކަންތައްތަކެއް ރޭވިފައިވާކަން ޒުމްރަތު ފާހަގަކުރެއްވިއެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މިއަދު ފެށި މިދަތުރަކީ އައުފެށުމެއް ކަމަށް ޒުމްރަތު ވިދާޅުވިއެވެ. އެންމެފަހުން މިފަދަ ދަތުރެއް އަތޮޅު ހޮސްޕިޓަލުން ކޮށްފައިވަނީ 2018 އަހަރުގެ ފަހުކޮޅުއެވެ. އަތޮޅުގެ ރަށްތަކުގެ ސިއްޙީ ޙާލަތު ބައްލަވައިލެއްވުމަށް މިއަދުފެށި ދަތުރުގައި އަތޮޅު ހޮސްޕިޓަލުގެ ފަރާތުން ބަލިމީހުންބެލުމާއި އޯޕީޑީގެ ޙިދުމަތް ސުޕަވައިޒް ކުރުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި މިނޫންވެސް ހޮސްޕިޓަލުގެ ހުރިހާ ޙިދުމަތްތައް ސުޕަވައިޒްކޮށް އެޑްމިން މުވައްޒަފުންނާއި ނަރުހުންނަށްވެސް މަޢުލޫމާތުދިނުން ކުރިއަށްގެންގޮސްފައިވެއެވެ.