ޚަބަރު

ކުވައިތްގެ ޢަމީރުގެ ސިއްޙީ ޙާލު ދެރަވެ، އެމެރިކާގައި ފަރުވާދޭން ފަށައިފި


ކުވައިތްގެ ޢަމީރު ޝޭޚް ސަބާޙް ޢަލް އަޙްމަދު ޢަލް ސަބާޙްގެ ސިއްޙީ ޙާލުދެރަވެގެން އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން އެބަގެންދެއެވެ.

ކުވައިތުގެ ދައުލަތުގެ ޚަބަރުފަތުރާ އިދާރާ ކުނާއިން ބުނެފައިވަނީ އެމެރިކާގެ ހޮސްޕިޓަލެއްގައި ޢަމީރުގެ ޚާއްސަ ސިއްޙީ ޓެސްޓްތަކެއް ހަދަމުންދާކަމަށެވެ. އަދި މިކަމުގެ ސަބަބުން މި ހަފުތާގެ ބުރާސްފަތި ދުވަހު އުމުރުން ނުވަދިހަ އަހަރުގެ ކުވައިތުގެ ޢަމީރާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ފަސްކޮށްފައިވާކަމަށް.

ކުވައިތް ސަރުކާރުގެ އޮފިޝަލަކާ ޙަވާލާދީ އެ ޤައުމުގެ ދަޢުލަތުގެ ޚަބަރުފަތުރާ އިދާރާއިން ބުނެފައިވަނީ މި ބައްދަލުކުރެއްވުންދެން ބާއްވާނޭ ތާރީޚެއް އަދި ދެ ޤައުމުން ކަނޑަނާޅާކަމަށެވެ. އެމެރިކާގެ ވައިޓްހައުސްއިންވެސްވަނީ ދެ ޤައުމުގެ އިސްވެރިންގެ ދެމެދު ބޭއްވުމަށް ނިންމާފައިވާ ބައްދަލުކުރެއްވުން ކުވައިތުގެ ޢަމީރުގެ ސިއްޙީ ޙާލަތު ގޯސްވުމުން ފަސްކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވައިޓް ހައުސްގެ ތަރުޖަމާނު ޖަޑް ޑެރީ ވިދާޅުވީ ކުވައިތްގެ ޢަމީރާ އެމެރިކާގެ ރައީސާ ދެބޭފުޅުންނަކީ ގާތްގުޅުމެއް ބާއްވަމުންއަންނަ ދެ ބޭފުޅުންކަމަށާ ޢަމީރުގެ ސިއްޙީ ޙާލު ރަނގަޅުވުމުން، އަލުން އަނެއްކާ ވައިޓްހައުސްގައި ބައްދަލުކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ޓްރަމްޕް ވިދާޅުވެފައިވާކަމަށެވެ.

2006ވަނަ އަހަރުން ފެށިގެން ކުވައިތްގައި ވެރިކަންކުރައްވަމުންގެންދަވާ ޢަމީރު ޝޭޙް ސަބާޙް ޢަލް ޢަހްމަދު ޢަލް ސަބާޙް މި ހަފުތާގައި ޓްރަމްޕާ ބައްދަލުކުރެއްވުމަށް ނިންމެވީ ވޭތުވެދިޔަ މަސްތަކުގައި ޢަމީރުގެ ސިއްޙީ ޙާލު ރަނގަޅުވުމުގެ ސަބަބުންކަމަށްވެސް ކުވައިތުގެ ދައުލަތުގެ މީޑިއާއިންވަނީ ބުނެފައެވެ..