ޚަބަރު

19ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު: ގިނަ މެމްބަރުންގެ ޙާޒިރީ ރަނގަޅު


19ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަކީ ފަހަކަށްއައިސް މަޖިލީހުގެ މެމްބަރުން އެންމެ ރަނގަޅަށް ހާޒިރުވި އެއްދައުރުކަން މަޖިލީހުން ހާމަކުރައްވައިފިއެވެ.

19ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ވެފައިވަނީ މަޖިލީހުގެ ތާރީޚުގައިވެސް އެންމެގިނަ މަސައްކަތްތަކެއް ކުރެވުނު ދައުރުގެ ގޮތުގައެވެ. މަޖިލީހުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރެވި، ގިނަ މަސައްކަތްތަކެއް ކުރެވިފައިވަނީ މެމްބަރުން ދެއްވާފައިވާ ސަމާލުކަމުގެ ސަބަބުންނެވެ. 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ޙާޒިރީއަށް ބަލައިލުމުން މެމްބަރުން ޖަލްސާތަކަށް ދެއްވާފައިވާ އަހަމިއްޔަތުކަމާއި، ސަމާލުކަން ފެނިގެންދެއެވެ.

މިދައުރުގެ މަޖިލީހުގެ ޖަލްސާތަކަށް ބަރާބަރަށް ހާޒިރުވެފައިވާ މެމްބަރުގެ ޢަދަދަކީ 30 އެވެ. އަދި 4 މެމްބަރަކު މަޖިލީހުގެ ދަތުރުތަކުގައި ވަޑައިގެންފައިވާއިރު، 5 މެމްބަރަކުވަނީ މަޖިލީހުގެ ރަސްމީ ދަތުރުތަކުގައި ބައިވެރިވެފައެވެ. މަޖިލީހުގެ ރައީސާއި ނައިބް ރައީސްވެސް ޙާޒިރުވެވަޑައިގެންފައި ނުވާ ދުވަސްތަކަކީ ރަސްމީ ދަތުރުތަކުގައި ބައިވެރިވެވަޑައިގެންނެވި ދުވަސްތަކުގައި އެކަނިކަން ފާހަގަކޮށްލެވެއެވެ.

މަޖިލީހުގެ ޖަލްސާތަކަށް ބަރާބަރަށް ޙާޒިރުވެފައިވާ 30 މެމްބަރުގެތެރޭގައި ހިމެނެނީ އެމްޑީޕީގެ 27 މެމްބަރަކާއި، ޕީއެންސީއާއި، ޕީޕީއެމްގެ މެމްބަރެއްގެ އިތުރުން މިނިވަން އެއް މެމްބަރަކެވެ.
ނިމިދިޔަ ދައުރުގައި އެންމެ ގިނައިން ސަލާމް ބުނެފައިވަނީ ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ. މީގެ އިތުރުން 4 މެމްބަރަކުވަނީ މަޖިލިސްގެ 7 ޖަލްސާއަކަށް ސަލާމް ވިދާޅުވެފައެވެ. އޭގެތެރޭގައި ހިމެނެނީ މާފަންނު ހުޅަގުދާއިރާގެ މެމްބަރު މުޙައްމަދު ފަލާޙާއި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަތީފާއި، ދަނގެތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމްގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ.

މަޖިލީހުގެ ޖަލްސާތަކަށް އެންމެ ގިނައިން ހާޒިރުނުވާ މެމްބަރަކީ ދިމިދިޔަ ދައުރުގައިވެސް އެންމެ ގިނަ ޖަލްސާތަކަށް ވަޑައިނުގަންނަވާ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމެވެ. މީގެ އިތުރުން 9 ޖަލްސާއަކަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަޑައިގެންފައި ނުވާއިރު، 5 ޖަލްސާއަކަށް މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވަޑައިގެންފައި ނުވެއެވެ. މަޖިލީހުގެ މިދައުރުގެ މަސައްކަތާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިދައުރުގައި މަޖިލީހުން ކުރެވިފައިވާ މަސައްކަތާއި ދޭތެރޭ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމަށެވެ.

19ވަނަ ރައްޔިތުންގެ މަޖިލީހުން ކޮށްފައިވާ މަސައްކަތްތައް

  • 31 ބިލް ހުށައެޅި 14 ބިލެއްގެ މަސައްކަތް ނިމިފައި
  • ނުނިމި 17 ބިލެއް
  • 21 ޤަރާރެއް ހުށައެޅި 9 ޤަރާރެއް ނިމިފައި
  • ނުނިމި 12 ޤަރާރެއް
  • ސަރުކާރުގެ ފަރާތުން 15 މައްސަލަ ހުށައެޅުއްވައި، ނިންމެވީ 12 މައްސަލަ
  • ރިޔާސަތުން ހުށައެޅުއްވި 22 މައްސަލައެއްގެތެރެއިން 17 މައްސަލަ ނިމި 5 މައްސަލައެއް ނުނިމޭ
  • މެންބަރުން ހުށަހެޅުއްވި 9 މައްސަލައެއް ނިމިފައި
  • އެހެނިހެން ރިޕޯޓްގެ ގޮތުގައި 39 ރިޕޯޓް ހުށަހަޅައި 34 ރިޕޯޓް ނިމިފައި
  • ނުނިމި 5 ރިޕޯޓް
  • ވަޒީރުންނާއި 20 ސުވާލުކުރުމަށް ހުށަހަޅައި، 14 ސުވާލެއް ކޮށް ނިންމާފައި

މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދުގެ ވަނީ މަސްވެރިކަމާގުޅޭ 5 ޤަރާރު ހުށައެޅި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މަސްވެރިކަމާބެހޭ ބިލް ފާސްކުރެވިފައިވުމަކީ މަޖިލީހުން ކުރި އެންމެ ބޮޑު އެއް މަސައްކަތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި 19ވަނަ މަޖިލީހުގެ އަންނަ ދައުރުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭނެކަމަށް ވިދާޅުވިއެވެ. އެގޮތުން އެންމެ މުހިންމު މަސައްކަތަކަށް ކުރެވޭނީ ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާ އިޞްލާހުތައްކަމަށް ވިދާޅުވިއެވެ. އެއީ ވަރަށް ބުރަ ބޮޑު މަސައްކަތަކަށްވާނެކަމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަދަރުސާއެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މަދަރުސާތަކުގައި މަސައްކަތްކުރިއަށްދާގޮތަށް ޓައިމްޓޭބަލެއް ހެދި ހުރިހާ މެންބަރުންނާއި ހިއްސާކުރައްވައިގެން މަސައްކަތްތައް ކުރިއަށް ގެންދަވާކަމަށް ވިދާޅުވިއެވެ. މަޖިލީހުގެ އަންނަ ދައުރުގައިވެސް ކުރައްވާނެ މަސައްކަތްތަކުގެ ޓައިމް ޓޭބަލެއް ހަދާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.