ޚަބަރު

މަޖިލީހުގެ ހާޒިރީ އެންމެދަށް މެމްބަރަކަށް މިފަހަރުވެސް ސިޔާމު!


ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ އެންމެ ގިނަ ޖަލްސާތަކަށް ވަޑައިނުގަތް މެމްބަރުގެގޮތުގައި ހިމެނިވަޑައިގެން، މަޖިލީހުގެ ހާޒީ އެންމެ ދަށް މެމްބަރުގެ ރެކޯޑް މިފަހަރުވެސް މީދު ދާއިރާގެ މެމްބަރު އަހުމަދު ސިއާމް މުހައްމަދަށް ލިބިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މީދޫ ދާއިރާގެ މެމްބަރު ސިއާމް ވަޑައިގެންފައިވަނީ ފުރަތަމަ ދައުރުގެ 47 ޖަލްސާގެ ތެރެއިން އެންމެ 16 ޖަލްސާއަށެވެ. ސިޔާމް ވަޑައިނުގަންނަވަނީ 31 ޖަލްސާއަށެވެ. މީދޫ ދާއިރާގެ މެމްބަރު ސިޔާއަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށްވެސް އެންމެ މަދުން ވަޑައިގެންނެވި މެމްބަރުކަން ފާހަގަކޮށްލެވެއެވެ.

މިޖިލިސް ޖަލްސާތަކަށް ބަރާބަރަށް ވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲ ހިމެނި ވަޑައިގަންނަވައެވެ. މި ދެބޭފުޅުން މަޖިލީހަށް ވަޑައިނުގަންނަވަނީ ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވަން ޖެހުނު ދުވަސްތަކުގައެވެ. ރައީސް ނަޝީދު 4 ދުވަހު ރަސްމީ ދަތުރުފުޅުގައި ހޭދަކުރެއްވިއިރު، އީވާ 1 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ބައިވެ ވަޑައިގެންފައިވެއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ބަލާއިރު ޖުމްލަކޮށް ގިނަ މެމްބަރުން ހާޒިރުވެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ. ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފުރަތަމަ ދައުރުގެ ޗުއްޓީއަށް މިދިޔަ ހަފްތާގެ ބްރާސްފަތި ދުވަހުން ފެށިގެން ގޮސްފައިވާއިރު، މަޖިލިސްގެ މިދައުރަކީ މަޖިލިސްގެ ތާރީޚުގައިވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ދައްރެއްކަން ފާހަގަކޮށްލެވެއެވެ.