ޚަބަރު

90 ދުވަހުގެތެރޭގައި ބަސްތައް ގެނެސް ޚިދުމަތަށް ނެރެވޭނެ - މިނިސްޓަރު ނަހުލާ


މާލޭގައި މިނީބަހުގެ ޚިދުމަތް ދިނުމަށްޓަކައި ބޭނުންކުރާ ބަސްތައް 90 ދުވަހުގެ ތެރޭގައި ގެނެސް ޚިދުމަތްދޭން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. މާލެއަށް މިނީބަހުގެ ޚިދުމަތް ތަޢާރަފްކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފެބްރުއަރީ މަހުގެ 6ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ޓްރާސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ ވިދާޅުވީ، މާލެއަށް މިނީބަހުގެ ޚިދުމަތް ނެފެށި ލަސްވެއްޖެކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. އެކަން ލަސްވިސަބަބު ތަފްޞީލުކޮށްދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، މާލޭގައި ބަހުގެ ޚިދުމަތް ދިނުމަށް ގެންނަ ބަސްތަކަކީ ޢާންމުކޮށް ބޭނުންކުރާ ބަސްތަކަށްވުރެ ތަފާތު ޑިޒައިނަކަށް މާލޭގެ މަގުތަކަށް އެންމެ އެކަށޭނަ އުޅަނދުތަކަކަށް ވާންޖެހޭކަމަށެވެ. އެގޮތުން ޢާންމުކޮށް ބޭނުންކުރާ ބަހުގައި ހުންނަނީ ތިރީހާއި ސާޅީހާ ދެމެދުގެ ސީޓްތަކެއްކަމަށާ، ނަމަވެސް މާލޭގެ މަގުތަކުގައި ބަހުގެ ޚިދުމަތް ދިނުމަށް ގެންނަ ބަސްތަކުގައި ހުންނަނީ 16 އާއި 18 އާ، ދެމެދުގެ ސީޓްތަކެއްކަމަށެވެ. އެބަސްތައް ފަރުމާކުރަނީ މާލޭގެ މަގުތަކަކީ ހަނިމަގުތަކެއްކަމުން އެމަގުތަކަށް ފެތޭގޮތަށް ރައްޔިތުންނަށް ފައިދާވޭނެގޮތަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެމްޓީސީއާ ޙަވާލުކޮށްގެން ބަސްތައް ގެނައުމަށް މަސައްކަތްކުރާއިރު ތިން ފަރާތަކުން އަގު ހުށައަޅާފައިވާކަމަށެވެ.

"މިނީ ބަސްތައް ހަދަންމިޖެހެނީ މާލޭގެ މަގުތައް ހަނިކަމުން މިހާރު ހުންނަ ބަސްތަކަށްވުރެ ހަނިކޮށް މަގުތަކަށް ފެތޭގޮތަށް ރައްޔިތުންނަށް ފައިދާވާގޮތަށް ދުއްވޭނެގޮތަށް. އަލުން ބަސްތަކެއް ހަދާއިރު ޓެންޑަކޮށް އެމްޓީސީސީން އަޅުގަނޑުމެންނަށް އެންމެ ރަނގަޅު އަގެއްގަ ކޮށްދެނީ ކޮންބައެއްތޯ ބަލައި އެބަސްތަކަކީ ކޮލިޓީ އަދި ތިމާވެށްޓާ ރަށްޓެހި ބަސްތަކެއްވީމަ މިކަންކަމަށް ވަގުތު ކޮޅެއްދާތީ ކުޑަ ލަސްކަމެއް މި އުޅޭނީ. ދެތިން ފަރާތަކުން އަގުތަށް މިއަދު ހުށައަޅާނެ. އެ އަގުތަކަށްބަލާހަ ކޮންމެވެސް އެއްބަޔަކާ ހަވާލުކޮށް ވީހާވެސް އަވަހަށް މިނީ ބަސްތައް މާލެ ގެނައުމަށް މަސައްކަތްކުރާނަން." މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާގެ ވާހަކަފުޅުގައި ބަސްތައް ގެނައުމަށް އޯޑަރުދޭތާ ތިން މަސްދުވަހުގެތެރޭގައި މާލެ ގެނެވޭނެކަމަށާ ވީހާވެސް އަވަހަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާނެކަމަށެވެ.

"ބަސްތަކަށް އޯޑަރުދީފައި ބަސްތައް ހަދަން ޢާންމުކޮށް ނަގާ މުއްދަތަކީ 90 ދުވަސް. އެހެންވީމަ މިމުއްދަތުގެ ތެރޭގައި ގެނައުމަށް މަސައްކަތްކުރާނަން. އަދި އެއަށްވުރެ ކުރިންވިޔަސް." މިނިސްޓަރ ވިދާޅުވިއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާނީ އިލެކްޓްރިކް ބަސްކަމަށް އެމްޓީސީސީންވަނީ ވިދާޅުވެފައެވެ. މާލޭގައި މިނީބަހުގެ ޚިދުމަތް ތަޢާރަފްކުރެވުމާއެކު މާލެތެރޭގައި ދަތުރުފަތުރުކުރުމަށް ހަރުދަނާ އަދި ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އިލެކްޓްރިކް ބަހަކީ ރާއްޖެއަށް މުޅިން އައު އެއްޗަކަށް ވުމުން މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ކުރަންޖެހެ ދިރާސާކޮށް ނިމުމަށްފަހު މިހާރު ޓްރާންސްޕޯޓް މިނިސްޓްރީއާ ޙިއްސާކޮށްފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މާލޭގައި ބަހުގެ ޚިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ވިހި ބަސް ގެނެއުމަށް އެމްޓީސީސީއަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އަންގަވާފައެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތްދޭން ފެށުމާއެކު އޭގެ ނަތީޖާއަށް ބަލައި ސްކޫލް ބަހުގެ ޚިދުމަތްވެސް ދޭން ފަށާނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވަނީ ވިދާޅުވެފައެވެ. މާލެ ސިޓީގައި މީގެ ކުރިންވެސް ބަހުގެ ޚިދުމަތް ދީފައިވެއެވެ. ނަމަވެސް އެކި ސަބަބުތަކާހެދި މި ޚިދުމަތް ވަނީ މެދުކެނޑިފައެވެ.