ވިޔަފާރި

"ހަފްތާރެސް" ލ. ގަމުގައި ބާއްވަނީ


ކޮންމެ ހަފްތާ ބަންދެއްގައި ބާއްވަމުން އަންނަ "ހަފްތާރެސް" މާކެޓް މިފަހަރު ލ. ގަމުގައި ބޭއްވުމަށް ނިންމައިފިއެވެ.

ހަފްތާރެސްއަކީ ކޮންމެ ހަފްތާ ބަންދަކު ވީކް-އެންޑް މާކެޓެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެވަޑައިގަންނަވާފައިވާ ވަޢުދުގެ ދަށުން ބާއްވަމުންދާ ހަރަކާތެކެވެ. ހަފްތާރެސްގެ މަޤްޞަދަކީ ބުރަކޮށް މަސައްކަތްކުރުމަށްފަހު، ހަފްތާ ބަންދުގައި ތަފާތު މާހައުލެއްގައި ގިނަ ރައްޔިތުން އެއްތަނަކުން ބައްދަލުވެ، ވަގުތު ހޭދަކޮށްލުމަށް މަގުފަހިކޮށްދިނުންކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

ދާދިފަހުން ވަނީ ހަފްތާރެސް މާކެޓް މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގައި ބާއްވަން ފަށާފައެވެ. އަދި ކުރިއަށްއޮތް ހަފްތާ ބަންދުގައި ހަފްތާރެސް މާކެޓް ލ.ގަމުގައި ބޭއްވުމަށް ނިންމާފައިވާއިރު، މި ހަރަކާތުގެ ތެރެއިން ކުޑަކުދިންގެ ހަވީރާއި، މުދާ ވިއްކާ ސްޓޯލްތަކާއި މުނިފޫނިފިލުވުމުގެ ހަރަކާތްތައް ކުރިއަށްގެންދިޔުމަށްވަނީ ރާވާފައެވެ. މި މާކެޓްގައި ސްޓޯލްތައް ދޫކުރަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ކަނބަލުންނަށާއި އަލަށް ވިޔަފާރީގެ ތެރެއަށް ނުކުންނަ ޒުވާނުންނަށް އިސްކަންދީގެންކަމަށް ޔޫތު މިނިސްޓްރީން ހާމަކުރެއެވެ.

ހަފްތާރެސްގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެ ކަމަށްވެސް ޔޫތު މިނިސްޓްރީން ހާމަކުރެއެވެ.