ވިޔަފާރި

ފުވައްމުލައް ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރަނީ


ފުވައްމުލައް ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުމަށް އިކޮނޮމިކް މިނިސްޓްރީ ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިހާރުވަނީ ފުވައްމުލަކު ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަހައްދު ކަނޑައަޅާފައެވެ.

އެގޮތުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް ފުވައްމުލަކު ސިޓީން އެދެވޭނެ ސަރަހައްދުތަކަކީ
- ޣާޒީ މަގު / ފުވައްމުލަކު މެދުދާއިރާ
- މުޙައްމަދު ޖަމާލުއްދީން މަގު / ފުވައްމުލަކު ދެކުނުދާއިރާ
- ގެއްމިސްކިތްމަގު / ފުވައްމުލަކު އުތުރު ދާއިރާ

މިސަރަހައްދުތަކުގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފޯމު އެމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓްމުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެއްޗެވެ.

24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކްކުރުމަށް ފަހުގައެވެ. 24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަންވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

އިކޮނޮމިކް މިނިސްޓްރީން ދާދިފަހުންވަނީ ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރެވޭ ސަރަޙައްދުތައް ކަނޑައަޅާފައެވެ. ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަދީފައިވަނީ ތިން ސަރަޙައްދެއްގައެވެ. އެއީ ނިރޮޅުމަގާއި ހުވަނދުމާ ހިނގުން އަދި ފެރީ ޓަރމިނަލް ސަރަހައްދާއި ދިމާލުން ފަށުއިމާ ހިނގުމެވެ.

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ މިނިސްޓްރީން ދޫކުރަން ފެށި ފަހުން މާލެއިން 14 ތަނަކަށް ހުއްދަދީފައިވާއިރު އައްޑޫ ސިޓީން 2 ތަނަކަށް ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވެއެވެ.