ޚަބަރު

ރިޟްވާންގެ މަރުގެ ތަޙްޤީޤު ރިޕޯޓު މަޖިލީހާ ހިއްސާ ކުރީ ރައީސްގެ އެންގެވުމެއް ނެތި


ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ އާ ގުޅޭ ގޮތުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަނުން ތައްޔާރުކުރި ޑްރާފްޓް ރިޕޯޓް ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރީ އެމަނިކުފާނު އަންގަވައިގެން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިޟްވާންގެ މަރާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު އެންގެވީ އެ ރިޕޯޓްގައިވާ ބައެއް މައުލޫމާތު ހަމަ އެކަނި މީޑިޔާއާ ހިއްސާ ކުރެއްވުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ޑްރާފްޓް ރިޕޯޓުގައިވާ ބައެއް މައުލޫމާތު ބައެއް މީހުންނާ ހިއްސާ ކުރެވިފައިވާތީ އެކަން އެގޮތައް ތަކުރާރު ނުކުރެއްވުމަށް ވެސް އެދިވަޑައިގެންފައިވާކަމަށެވެ. އަދި އާންމުންގެ ބައެއް މީހުންނަށް ރިޕޯޓް ފެނިފައިވާއިރު ސިއްރު ބައެއް މައުލޫމާތު ހާމަވެއްޖެ ނަމަ ތަޙްޤީޤަށް ހުރަސް އެޅޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރިޟްވާންގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓް ވީހާވެސް އަވަހަކަށް ނިންމައިގެން ގެނައުމަށް ކޮމިޝަނަށް މިހާރު އަންގަވާފައިވާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ ކޮމިޝަނުން ތަޙްޤީޤުތައް ހިންގުމަށްފަހު އެ ރިޕޯޓާމެދު އަމަލު ކުރަން ޖެހޭ ގޮތް ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

ރިޞްވާންގެ މަރާ ގުޅޭ ގޮތުން ތައްޔާރުކޮށްފައި އޮތީ ފައިނަލް ރިޕޯޓެއް ނޫން ކަމަށްވާތީ ޕްރޮސެކިއުޓާ ޖެނަރަލް އާއި ފުލުހުންނާއި އަދި ބަންޑާރަނައިބު އާ ވެސް އެ ރިޕޯޓް ކުރިން ހިއްސާ ކުރައްވާފައި ނުވި ނަމަވެސް މިހާރު ހިއްސާ ކުރައްވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރިޟްވާންގެ މަރުގެ މައްސަލައިގެ ތަޙްޤީޤޫ ރިޔާސީ ކޮމިޝަނުގެ ރައީސް ވަނީ ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރައްވާފައެވެ.