ޚަބަރު

އަންނަ އަހަރުން ފެށިގެން ސްޓެލްކޯއިން ސްމާޓް މީޓަރު ތަޢާރަފުކުރަނީ


އަންނަ އަހަރުން ފެށިގެން ސްޓެލްކޯއިން ސްމާޓް މީޓަރު ތަޢާރަފް ކުރުމަށް ނިންމާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާތާ 70 އަހަރު ފުރުން ފާހަގަކޮށް އަހަރީދުވަހުގެ ލޯގޯ ތަޢާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޣުނީ ވިދާޅުވީ އަންނަ އަހަރު ސްމާޓް މީޓަރގެ ޙިދުމަތް ދިނުމަށް ނިންމާފައިވާކަމަށާ މިއަހަރުތެރޭ އެމަސައްކަތް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ ސްމާޓް މީޓަރު ބޭނުންކުރަން ފެށުމުން ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރެވުނު މިންވަރު އެޕްލިކޭޝަނެއްގެ އެހީގައި ފަސޭހައިން ބަލާލެވޭނެ ކަމަށެވެ. އަދި މަސްނިމޭއިރު ކަރަންޓު ބޭނުން ކުރެވުނު މިންވަރާއި ރުފިޔާ ދައްކަން ޖެހޭ މިންވަރުވެސް ކަސްޓަމަރުންނަށް މި މީޓަރުން ބަލާލެވޭނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯއަކީ ޓެކްނޮލޮޖީއާއި ރަށްޓެހި ޒަމާނީ ވަސީލަތްތަކުން ޙިދުމަތްދޭ ކުންފުންނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރައްވާ މުޣްނީ ވަނީ އެ ކުންފުނިން ޚިދުމަތްދޭ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތްވެސް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.