ޚަބަރު

ދެވަނަ ދައުރުގައި އެންމެފުރަތަމަ މަޖިލީހަށް ހުށަހަޅާ ބިލަކަށްވާނީ ލާމަރުކަޒީ ބިލް - ޢަލީ ނިޔާޒް


ލާމަރުކަޒީ ޤާނޫނު އިސްލާހު ކުރެވިގެންދާއިރު ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން 5 މިލިޔަނަށްވުރެ ކުޑަކޮށް ހިންގޭ މަޝްރޫޢުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ. ނިޔާޒު ވިދާޅުވީ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގައި ސަރުކާރުގެ ފަރާތުން އެންމެ ފުރަތަމަ މަޖިލީހަށް ހުށަހަޅާ ބިލެއްގެ ގޮތުގައި ލާމަރުކަޒީބިލް ވެގެންދާނެކަމަށެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީދާއިރާތައް ތަރައްޤީކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅެކެވެ. ޤާނޫނު އަސާސީގެ 8 ވަނަ ބާބުވެސް ޙާއްސަކުރެވިފައިވަނީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށެވެ. ލާމަރުކަޒީ ނިމާޒެއް އުފަންކޮށް ތަރައްޤީ ކުރުމަށްޓަކައި 2010 ވަނަ އަހަރު ވަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނެއްވެސް ކަނޑައަޅާފައެވެ.

ނަމަވެސް މިޤާނޫނު ތަންފީޒު ކުރުމަށް ހުރި މައްސަލަތަކާއި، ޤާނޫނުގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ސަރުކާރުންވަނީ މި ޤާނޫނަށް ބޮޑެތި އިސްލާޙްތަކެއް ގެނައުމަށް ނިންމާފައެވެ. ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަލީ ނިޔާޒް ވިދާޅުވީ މި ބިލް ޑްރާފްޓްކޮށްް މަޖިލީހަށް ހުށަހެޅުމަށް މިހާރު ތައްޔާރު ކުރެވިފައިވާކަމަށެވެ. މައިގަނޑު 22 އިސްލާހެއް ހިމެނޭގޮތަށް ހުށަހަޅާ މި ބިލްގެ ސަބަބުން ކައުންސިލްތަކަށް މައިސަރުކާރަށް ބަރޯސާނުވެ ކަންކަން ކުރެވޭނެ މަގުފަހި ވެގެންދާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.

"އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ހުށަހެޅުމުގެ ހުރިހާ ކަމެއް ރައީސް މިހާރުވަނީ ނިންމާފަ. އަންނަ ދައުރުގެ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި އެންމެ ފުރަތަމަ ބިލެއްގެ ގޮތުގައި ސަރުކާރުގެ ފަރާތުން މި ބިލްހުށަހެޅިގެންދާނެ. މައިގަނޑު 22 އިސްލާހެއް މިބިލްގައި ހިމެނިގެންދާނެ" އަލީ ނިޔާޒް ވިދާޅުވިއެވެ.

ޤާނޫނަށް ގެންނަ ބަދަލުތަކާއެކު ކައުންސިލްތައް ހިންގުމަށް ލިބިގެންދާ އެންމެ ބޮޑު ފަސޭހަތަކަކީ މާލީ އިނާޔަތްތަކާއި، އިދާރީގޮތުން ހިންގުމުގެ ބާރު ކައުންސިލްތަކަށް ލިބުމެވެ. ސަރުކާރުގެ ފަރާތުން މި ޤާނޫނަށް ހުށަހަޅުއްވާ އިސްލާހުތަކުގެ ތެރޭގައިވެސް ކައުންސިލްތަކުން ރަށްރަށުގައި ހިންގާ މަޝްރޫޢުތަކާއި، ޕްރޮޖެކްޓްތަކަށް ބޭނުންވާ ބަޖެޓް ލިބޭނެ ގޮތަކަށް ކަންކަން އިންތިޒާމު ވެގެންދާނެއެވެ.

އެގޮތުން 5 މިލިޔަނަށްވުރެ ކުޑަކޮށް ހިންގޭ މަޝްރޫޢުތަކަށް ބިޑްކޮށް އެފަދަ މަސައްކަތް ކުރެވޭނެ އިންތިޒާމު ކައުންސިލްތަކާއި ހަވާލުކުރެވިގެންދާނެކަމަށް ނިޔާޒު ވިދާޅުވިއެވެ. ސަރުކާރުގެ ސިޔާސަތަކީ ރަށުތަރައްޤީއަށް ހިންގޭ މަޝްރޫޢުތަކާއި، ޕްރޮޖެކްޓްތަކަކީ ރަށުގެ ރައްޔިތުންގެ ޝާމިލްވުމާއެކު އެރަށެއްގައި ދިރިއުޅޭ ރަށްޔިތުންނަށް އެކަމެއް އެނގޭނެ ގޮތަކަށް ކުރެވޭ ކަމެއްގެ ގޮތުގައި ހެދުންކަމަށެވެ. ނިޔާޒު ވިދާޅުވީ ގިނަފަހަރަށް ވަކި މުޒާރާއަކުން ރައްރަށުގައި ހިންގާ މަޝްރޫއުތަކުގައި ދިމާވާ އެންމެބޮޑު މައްސަލައަކީ މަސައްކަތް ކުރާބަޔަކާއި، ނިންމަންޖެހޭ ތާރީޚެއް، ރައްޔިތުންނަށްވެސް ނޭގުންކަމަށެވެ.

"5 މިލިޔަނަށްވުރެ ދަށުން ހިންގޭ މަޝްރޫޢުތައް ކައުންސިލްތަކުން ކުރެވޭނެ އިންތިޒާމު ޤާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ހިމެނެނޭ. ގިނަފަހަރަށް މައިސަރުކާރުން، މިނިސްޓްރީން ރައްރަށުގައި ހިންގާ މިފަދަ ކުދި ޕްރޮޖެކްޓްތަކުގެ މައުލޫމާތުވެސް ރަނގަޅަށް ނުލިބި އެބަހުރި. ސަރުކާރުން ބޭނުންވަނީ މިކަންކަމަކީ ރައްޔިތުންގެ ބައިވެރިވުމާއިއެކު ހިންގޭ މަޝްރޫޢުތަކަށްވުން." އަލީ ނިޔާޒު ވިދާޅުވި.

ލާމަރުކަޒީ ނިޒާމަށް މިފަދަ އިސްލާހުތައް ގެނައުމުގެ އެންމެބޮޑު ބޭނުމަކީ ކައުންސިލްތައް ބާރުވެރި ކުރުވައި މަރުކަޒީ ސަރުކާރުގެ ބާރުތައް ކައުންސިލްތަކަށްވެސް ދިނުމެވެ. އަދި ކައުންސިލްތަކަށް ޢާމްދަނީއާއި ޓެކްސް ލިބޭ ނިޒާމް ކަށަވަރުކުރުމާއި، އިޚްތިސާސް ހިނގާ ސަރަހައްދުތަކުގެ އެއްގަމާއިކަނޑު ކައުންސިލްތަކަށް ކަށަވަރު ކޮށްދިނުމާއި، އާސާރީ ތަންތަން ބެލެހެއްޓުމާއި، ޤައުމީ ތަރިކައާއި ދިވެހިބަސް ރައްކާތެރި ކުރުމުގެ އިތުރުން ރައްޔިތުން ބާރުވެރިކޮށް، ކައުންސިލްތަކަށް ފުރިހަމަ ޒިންމާ އަދާކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުންކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.