ޚަބަރު

ބާ ކައުންސިލްގެ ބައި އިލެކްޝަން މި މަހުގެ 28ގައި


ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް އެ ކޮމިޝަނުން ނިންމަވައިއެވެ.

ބާ ކައުންސިލުން ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ބޭނުންވާ އެހީތެރިކަމާ ވަސީލަތް ފޯރުކޮށްދެއްވުމާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނާއެކު މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރަކު ހޮވުމަށް މި މަހުގެ 28ގައި ބާއްވާ ބައި އިލެކްޝަނަށް އެހީތެރިވެ ދިނުމާ ގުޅޭ މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ.

ބާ ކައުންސިލްގެ މެމްބަރެއްގެ ގޮނޑި ހުސްވެފައިވަނީ އެ ކައުންސިލްގައި އިންނެވި އައިޝާ ޝުޖޫން ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމާ ގުޅިގެން އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ބާ ކައުންސިލްގެ ފުރަތަމަ އިންތިހާބު ބޭއްވީ މިދިޔަ ޖުލައި މަހުއެވެ.