ކުޅިވަރު

އެންމެ 4 ގަޑިއިރުގެ ތެރޭގައި ޗައިނާ މެޗުގެ ޓިކެޓް ހުސްވީ އަޝްފާގް ޤައުމީ ޓީމަށް ނެގީމަތަ؟


ފީފާ ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ޗައިނާއާއި ދެކޮޅަށް މާލޭގައި ކުޅޭ މެޗުގެ ޓިކެޓްތައް ވިކި ހުސްވެއްޖެއެވެ.

އޭޝިއާގެ ގަދަ ބާރު ޗައިނާއާއި ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް ދިވެހި ސަޕޯޓަރުންނަށް ވިއްކަން ނިންމާފައި އޮތީ 3500 ޓިކެޓެއެވެ. މިއަދު ހަވީރު ޓިކެޓް ވިއްކަން ފެށިއިރު، މިރޭ 10:30 ހަމައަށް ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކަން ކަނޑައަޅާފައިވާ ޓިކެޓްތައް ވަނީ ވިކި ހުސްވެފައެވެ. އަދި މީގެ އިތުރުން ޗައިނާގެ ސަޕޯޓަރުންނަށް ޚާއްސަކޮށްފައިވާ 220 ޓިކެޓްވެސް ވަނީ ވިކި ހުސްވެފައެވެ.

މި މެޗަށް ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކާފައިވަނީ ގޮނޑި ބަރިން 1615 ޓިކެޓާއި ސިޑި ބަރިން 1901 ޓިކެޓެވެ.

ޗައިނާއާއި ރާއްޖެ ވާދަކުރާ މެޗުގެ ހުރިހާ ޓިކެޓެއް ވިކި ހުސްވެފައި މިވަނީ ދޮޅު އަހަރަށްފަހު ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް ޤައުމީ ޓިމަށް ނަގާފައިވަނިކޮށެވެ. އަޝްފާގް ނުހިމަނައި މިދިޔަ ދޮޅު އަހަރު ޤައުމީ ޓީމު ކުޅުނު މެޗުތަކުގައި ނެރުނު ނަތީޖާތަކާއި ދެއްކި ކުޅުމަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އަޝްފާގަށް ޤައުމީ ޓީމުން ކޯޗު ސެގާޓް މީގެ ކުރިން ފުރުސަތު ނުދެނީ ޒާތީ ވެގެންކަމަށްވެސް ގިނަ ފަރާތްތަކުން ތުހުމަތުކުރެއެވެ.

ޗައިނާއާއި ވާދަކުރާ ދިވެހިރާއްޖޭގެ ސްކޮޑުން އަޝްފާގަށް ފުރުސަތު ދިނުމާއެކު، ގިނަ ސަޕޯޓަރުންތަކެއް ވަނީ އެކަމާއި ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އަދި އެންމެ ހަތަރު ގަޑިއިރުގެ ތެރޭގައި މެޗުގެ ހުރިހާ ޓިކެޓެއް ވިކުމަކީ ޤައުމީ ޓީމަށް އަޝްފާގް އެނބުރި އައުން ގިނަ ބަލައިގަތްކަމެއްގެ ގޮތުގައި ބެލެވިދާނެއެވެ.

ފީފާ ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ޗައިނާއާއި ދެކޮޅަށް ދިވެހިރާއްޖެ ރަސްމީ ފުޓްބޯޅަ ދަނޑުގައި ނިކުންނާނީ އަންނަ އަންގާރަ ދުވަހުގައެވެ. އަންގާރަ ދުވަހުގެރޭ އަށެއް ޖަހާއިރު ފަށާ މިމެޗު ޕީއެސްއެމްގެ ޔެސްޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.