ކުޅިވަރު

"އޭޝިޔާ ކުއެސްޓަކީ ތުރުކްމިނިސްތާނުން ވަރަށް ބޮޑު އިސްކަމެއްދީގެން ތައްޔާރުވާ މުބާރާތެއް"


3 އެކްސް 3 ފީބާ އޭޝިޔާ ކުއެސްޓަކީ ތުރުކްމިނިސްތާނުން ވަރަށް ބޮޑު އިސްކަމެއްދީގެން ތައްޔާރުވާ މުބާރާތެއްކަމަށް އަޝްގަބަތްގެފިރިހެން ޓީމްގެ ކެޕްޓަން އަތަމުރާތް ޝެރިއޭވް ބުނެފިއެވެ.

މިފަހަރުގެ މުބާރާތުގައި ތުރުކްމިނިސްތާނުގެ ފިރިހެން ޓީމްވަނީ ދެވަނަ ހޯދާފައެވެ. 3 އެކްސް 3 ފީބާ އޭޝިޔާ ކުއެސްޓްގައި ވާދަކުރި ތުރުކްމިނިސްތާންގެ އަޝްބަގަތު ޓީމްގެ ކެޕްޓަން ޝެރިއޭވް ބުނީ މި މުބާރާތަކީ އަބަދުވެސް އެ ޤައުމުން ވަރަށް ބޮޑަށް ތައްޔާރުވާ މުބާރާތެއްކަމަށާއި، ދުވާލަކު ދެއިރު ޕްރެކްޓިސްކޮށް މުބާރާތުގައި ދެއްކުނު ކުޅުމާއި ހޯދުނު ކާމިޔާބީއާއިމެދު ހިތްހަމަޖެހޭކަމަށެވެ.

އޭނާ ބުނީ މިފަހަރުގެ ކާމިޔާބީ އެންމެ ބޮޑަށް ޚާއްސަވާ އެއް ސަބަބަކީ ޓީމްތަކުގެ ވާދަވެރިކަންކަމަށާއި، ކޮންމެ މެޗަކީވެސް ފެންވަރު ރަނގަޅު ވަރުގަދަ މެޗުތަކެއް ކަމަށެވެ. އަދި ކޮންމެ މެޗެއްގައިވެސް 100 ޕަސެންޓް ނުދީފިނަމަ ބަލިވެދާނެކަމަށާއި، އެހާވެސް ޓީމްތައް އެއްވަރުކަމަށެވެ.

ފައިނަލްގައި ވާދަކޮށް ބަލިވިކަމުގައިވިޔަސް ޖުމްލަކޮށް ދެއްކުނު ކުޅުމާއި މުބާރާތުން ދެވަނަ ލިބުމުން ހިތްހަމަޖެހޭކަމަށް މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ ތެރޭގައިވެސް ޝެރިއޭވް ބުންޏެވެ. ޝެރިއޭވް ބުނީ ރާއްޖެ ކަހަލަ ހިތްގައިމު ޤައުމެއްގައި މި މުބާރާތުގެ މެޗުތައް ކުޅުމަކީ މި މުބާރާތް ޚާއްސަވި އިތުރުކަމެއްކަމަށާއި، ޓީމްގެ ހުރިހާ މެންބަރުންވެސް ތިބީ ހިތްހަމަޖެހިފައިކަމަށެވެ. އަދި އިންތިޒާމްތަކާއި އެހެނިހެން ކަންތައްތަކަށް ބަލާއިރު، އެންމެ އެއް މާހައުލެއްގައި ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރަންވެސް ފުރުސަތު ލިބުނުކަމަށްވެސް 21 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

"ކުރެވުނު މަސައްކަތާއި ޕްރެކްޓިސްއަށް ބަލާއިރު ދެވަނަ ގޯހެއް ނޫން. އެކަމަކު އަމާޒުކުރީ ގޯލްޑްއަށް. ޓީމްތައް ވަރަށް އެއްވަރު، ވަރަށް ވާދަވެރި، ކުޑަކޮށް މެޗު ފަސޭހަކޮށްލިޔަސް ބަލިވާނެ. އަނެއްކޮޅުން އިންތިޒާމްތައްވެސް އެހާ ފުރިހަމަ، ރާއްޖޭގައި މިކަހަލަ މުބާރާތެއް ކުޅެން ލިބުނީތީ ވަރަށް އުފާވެއްޖެ"