ވިޔަފާރި

ބީއެމްއެލް އިސްލާމިކް ބޭންކިންގެ، އައު ހެޑްކުއަރޓާސް ހުޅުވައިފި


ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ބެންކިންގެ އައު ހެޑްކުއަރޓާސް ހުޅުވައިފިއެވެ. ބީއެމްއެލްއިން ވިދާޅުވީ މިއީ ކަސްޓަމަރުންގެ ލުއިފަސޭހަކޮށްދިނުމުގެ ބޭނުމުގައި ހުޅުވި ތަނެއްކަމަށެވެ. މިތަން ހުންނަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ހ.ޒޮނޭރިއާގައެވެ.

ބީއެމްއެލް އިސްލާމިކް ބޭންކިންއަށް އިތުރުވަމުންދާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ހުޅުވި މިޒަމާނީ ހެޑްކުއާރޓަރސް ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، އިސްލާމިކް ބެންކިންގ ނިޒާމު ރަނގަޅު ގޮތުގައި ކުރިއެރުވިއްޖެނަމަ މީގެ ފައިދާ މުޅި އިޤްތިޞާދަށްވެސް ކުރާނެކަމަށެވެ. ކުދި ވިޔަފާރިތައް މިއަށް ޝައުޤުވެރިކުރެވިއްޖެނަމަ، އެ ވިޔަފާރިތައް ކުރިއެރުވުމަށް އިސްލާމިކް ބެންކުން ބޮޑު ދައުރެއް އަދާކުރާނެކަމަށެވެ. މީގެ އިތުރުން ކުދި ވިޔަފާރިތައް ކުރިއަރުވައިގެން ޤައުމުގެ އިޤްތިޞާދު ކުރިއެރުވޭނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ބީއެމްއެލް އިސްލާމިކް ބޭންކިންގެ އާ ހެޑްކުއާރޓާސްއިން ކައުންޓަރު މެދުވެރިކޮށް ފައިސާގެ މުއާމަލާތުގެ ޚިދުމަތުގެ އިތުރުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެކި އެކި ޚިދުމަތް ފޯރުކޮށްދޭނެއެވެ. މި ޢިމާރާތުގައި ޤާއިމްކޮށްފައިވާ ކަސްޓަމަރ އެޑްވައިސް ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ޝަރީޢާއާ އެއްގޮތްވާ ގޮތުގެމަތިން މައޫލޫމާތު ފޯރުކޮށްދެވޭނެއެވެ. މިއާއެކު، 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ ޚިދުމަތްވެސް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ބީއެމްއެލްގެ ކޮންވެންޝަނަލްއިން ދޭ ކޮންމެ ޚިދުމަތެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބިގެންދާނެއެވެ. ބީއެމްއެލް އިސްލާމިކް ގެ ޚިދުމަތް ފަރުމާކުރެވިފައިވަނީ އިސްލާމިކް ބޭންކިންގއާ ގުޅޭ ބައިނަލްއަޤްވާމީ މިންގަނޑުތަކުގެ މައްޗަށް ބިނާކުރެވިގެންނެވެ. ކަސްޓަމަރުން ބޭންކަށް ޖަމާކުރާ ފައިސާ ބެލެހެއްޓެނީ މުޅިން ވަކީންނެވެ. އަދި މިފައިސާ ބޭނުންކުރެވޭނީ ޝަރީޢާ ހުއްދަ ބޭނުންތަކަށެވެ. މި ހުރިހާ ކަންތައް ބަލަމުންދަނީ ބައިނަލް އަޤްވާމީ މާހިރުން ހިމެނޭ ބޭންކުގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީންކަމަށް ބީއެމްއެލްއިން ބުނެއެވެ.