ވިޔަފާރި

ރާއްޖެއިން ބޭރުގެ 3 މާކެޓެއްގައި މަހުގެ އަގު ދަށަށް ހިނގައްޖެ


ރާއްޖެއިން ކަނޑުމަސް އެކްސްޕޯޓްކުރާ 3 މާކެޓެއްގައި މަހުގެ އަގު ދަށަށް ހިނގައްޖެއެވެ.

މިގޮތުން ޖަޕާނުގެ ޓޯކިޔޯ މެޕްރޮޕޮލިޓަން ނީލަން ބާޒާރާއި، ތައިލެންޑުގެ ބާޒާރު އަދި ސްޕެއިންގެ މާރކަ މެޑްރިޑް މާކެޓުގައި މިދިޔަ ހަފްތާގައި މަހުގެ އަގުވަނީ ދަށްވެފައެވެ.

ޖަޕާނުގެ ޓޯކިޔޯ މެޕްރޮޕޮލިޓަން ނީލަން ބާޒާރުގައި މިދިޔަ ހަފްތާގައި ލޯބޮޑު ކަންނެލި ކިލޯއެއް ވިއްކާފައިވަނީ ތިންސަތޭކަ ސާޅީސް ހަ ރުފިޔާ ފަސްދޮޅަސް އެއް ލާރިއަށެވެ. ނަމަވެސް މި ހަފްތާގައި ލޯބޮޑު ކަންނެލީގެ އަގު އުޅެނީ ދުއިސައްތަ ތޭވީސް ރުފިޔާ ނުވަދިހަފަސް ލާރިއެވެ. މިއީ ފަންސާސް ހަތަރެއް ޕޮއިންޓް ހަތެއް ހަތެއް އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ކަޅުބިލަ މަސް އެކްސްޕޯޓްކުރާ ތައިލެންޑުގެ ބާޒާރުގައި ކަޅުބިލަމަހުގެ އަގުވެސް މިދިޔަ ހަފްތާގައި ވަނީ ދަށްވެފައެވެ. ތައިލެންޑު ބާޒާރުގައި މިދިޔަމަހު ކަޅުބިލަމަސް ކިލޯއެއް 20 ރުފިޔާގައި އުޅުނުއިރު، މިމަހު ކަޅުބިލަ މަސް ކިލޯއެއް އުޅެނީ 18 ރުފިޔާގައެވެ. މިއީ އެގާރަ ޕޮއިންޓް އެގާރަ އިންސައްތައިގެ ދަށްވުމެކެވެ.

ސްޕެއިންގެ މާރކަ މެޑްރިޑް މާކެޓުގައި ފިނިކުރި ރީނދޫ އުރަހަ ކަންނެލި ކިލޯއެއް މިދިޔަ ހަފްތާގައި ތިންސަތޭކަ އަށާރަ ރުފިޔާ ހަތްދިހަ ފަސް ލާރީގައި ހުރިއިރު މި ހަފްތާގައި އަގު އުޅެނީ ތިންސަތޭކަ ސަތާރަ ރުފިޔާ ސަތާރަ ލާރީގައެވެ.

މިދިޔަ ހަފްތާގައި ބޭރުގެ މާކެޓްތަކަށް މަސް އެކްސްޕޯޓް ކުރާ ރާއްޖޭގެ ކުންފުނިތަކުން އެވްރެޖްކޮށް ފިނިކުރި ކަޅުބިލަމަސް ކިލޯއެއް ގަތީ 20 ރުފިޔާއަށެވެ. އަދި ފިނި ނުކުރާ ކަޅުބިލަމަސް ކިލޯއެއް ގަތީ 18 ރުފިޔާއަށެވެ.