ޚަބަރު

ޠާލިބާނުންގެ ލީޑަރުންނާއެކު ބޭއްވުމަށް ނިންމެވި ބައްދަލުވުންތައް ޓްރަމްޕް ކެންސަލްކުރައްވައިފި


ޠާލިބާނުންގެ ލީޑަރުންނާއެކު ބޭއްވުމަށް ރާއްވަވާފައިވާ ސިއްރު ބައްދަލުވުން ކެންސަލްކުރައްވާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ މިދިޔަ ހަފުތާގައި ޠާލިބާން ޖަމާޢަތުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ދިން ޙަމަލާއެއްގައި އެމެރިކާ ސިފައިންގެ މީހެއް މަރުވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަން ހާމަކުރައްވާ ކުރެއްވި ޓުވީޓެއްގައި އެމެރިކާގެ ރައީސް ވިދާޅުވީ މި ޙަމަލާގެ ފަހަތުގައިވަނީ ޠާލިބާންކަމަށް އެ ޖަމާޢަތުން ބުނުމުން މަޝްވަރާ ބައްދަލުވުންތައް ކެންސަލް ކުރެއްވީކަމަށެވެ. ޓްރަމްޕް ވިދާޅުވީ މިފަދަ މުހިއްމު ދަނޑިވަޅެއްގައިވެސް ޠާލިބާން ޖަމާޢަތުން އަފްޣާނިސްތާނުގައި ދޭ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް ނުކުޅެދި މައުސޫމު މީހުންގެ ފުރާނަ ނަގާލުމަށް ފަސްނުޖެހޭނަމަ މިކަމުގައި މަޝްވަރާ ކުރުމުގެ ފުރުޞަތު ޠާލިބާން ޖަމާޢަތަށް ދިނުމުގެ ބޭނުމެއްނެތްކަމަށެވެ.

2001ވަނަ އަހަރުން ފެށިގެން އެމެރިކާއިން އަފްޣާނިސްތާނުގައި ކުރަމުން އަންނަ ހަނގުރާމައަކީ ޤައުމުން ބޭރުގައި އެމެރިކާއިން ކުރަމުން އަންނަ އެންމެ ދިގުލައިގެން ގޮސްފައިވާ ހަނގުރާމައެވެ. މި ހަނގުރާމައިގެ މުއްދަތުގެ ތެރޭގައި އެމެރިކާގައި ތަފާތު ތިން ބޭފުޅަކު ވެރިކަންކުރައްވާފައިވާއިރު، މި ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް ލިބޭނެކަމުގެ އުއްމީދު އެންމެ ބޮޑަށް އާވެގެންދިޔައީ އެމެރިކާގެ ވެރިކަމުގައި މިހާރު ހުންނެވި ޓްރަމްޕްގެ ރިޔާސަތުގައެވެ. މިދިޔަ އަހަރު އެމެރިކާގެ ސަރުކާރުން އަފްޣާނިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ޠާލިބާނުންނާއެކު މަޝްވަރާތައް ފަށާފައިވާއިރު، މިދިޔަ ހަފުތާގައި ދެފަރާތުންވެސް ބުނެފައިވަނީ މި މަޝްވަރާތަކުން އެއްބަސްވުމެއް އެކުލަވާލުމާ ދާދި ގާތްވެފައިވާކަމަށެވެ.

އެގޮތުން، އެއްބަސްވުމެއްގެ ދަށުން އެމެރިކާއިން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ސިފައިންގެ ތެރެއިން 5،000 ސިފައިން އެ ޤައުމުން ބާލާނެކަމަށް އެމެރިކާއިންވަނީ ބުނެފައެވެ. އަދި ބަދަލުގައި ޠާލިބާން ޖަމާޢަތުން އަފްޣާނިސްތާނަކީ އެމެރިކާއާ އެ ޤައުމަށް ވާގިދޭ އެހެން ޤައުމުތަކަށް ޙަމަލާތައް ދިނުމުގައި ބޭނުންކުރާ މަރުކަޒަށް ހެދިޔަނުދިނުމަށް އެ ޤައުމުގައި ސުލްޙައާއި ހަމަޖެހުން ޤާއިމުކުރުމަށް އެއްބަސްވާނެކަމަށްވެސް އެމެރިކާއިންވަނީ ބުނެފައެވެ. އެހެންނަމަވެސް ސުލްޙައިގެ މަޝްވަރާތަކުން އެކަށީގެންވާ ނަތީޖާއެއް ނެރުމަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޠާލިބާން ޖަމާޢަތުން އަފްޣާނިސްތާނުގައި ކެނޑިނޭޅި ދެމުންދާ ޙަމަލާތަކެވެ.

އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ބޭރުގެ ފައުޖުތަކުގެ އިތުރުން އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ޠާލިބާން ޖަމާޢަތުން ވަރުގަދަ ޙަމަލާތަކެއްވަނީ ދީފައެވެ. އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހު ޠާލިބާން ޖަމާޢަތުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ދިން ޙަމަލާގައި 12 މީހުން މަރުވިއިރު، މީގެ ތެރޭގައި އެމެރިކާ ސިފައިންގެ މީހަކުވެސް ހިމެނެއެވެ. މިއީ މި އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގައި ދިން ޙަމަލާތަކުގައި މަރުވި އެމެރިކާ ސިފައިންގެ 16ވަނަ މީހާއެވެ.

މިއާއެކު، އެމެރިކާގެ ރައީސްވަނީ އެމެރިކާއިން އެ ޤައުމުގެ ރައީސާއި ޠާލިބާނުންގެ ލީޑަރުންނާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ސިއްރު ބައްދަލުވުންތައް ކެންސަލްކޮށްފައިވާކަން އިޢުލާނުކުރައްވާފައެވެ. ޓްރަމްޕްގެ މި ނިންމުމާމެދު ޠާލިބާނު ޖަމާޢަތުން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.