ޚަބަރު

"ފޮތް ކިޔަމާ"އަށް ސޯޝަލް މީޑިއާގައި ބޮޑު ތަރުޙީބެއް!


ފޮތް ކިޔުމަށް މުޖުތަމަޢު އަހުލުވެރިކުރުމަށް ފޮތްކިޔަމާ ހޭޝްޓެގް ބޭނުންކޮށްގެން ޚާއްސަ ކެމްޕޭނެއް ފަށައިފިއެވެ. މިކެމްޕެނަކީ ބައިނަލްއަޤުވާމީ ލިޔަންކިޔަންދަތުމުގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރިއަށްގެންދާ ޚާއްސަ ޙަރަކާތެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ.ޢަބްދުﷲ ރަޝީދު ވިދާޅުވީ މިޙަރަކާތް އިންތިޒާމުކުރީ ސްކޫލްކުދިންނާއި ޢާއްމުންގެ މެދުގައި ފޮތް ކިޔުމުގެ ޝައުގު އާލާކޮށް މިއާދަ އަށަގެންނެވުމުގެ މަގުސަދުގައިކަމަށެވެ. ސްކޫލްތަކުގެ އިތުރުން ރާއްޖޭގެ ނައިބު ރައިސާއި ކެބިނެޓު މިނިސްޓަރުންވެސް ގެންދަވަނީމި ކެމްޕޭނުގެ ދަށުން ފޮތްކިޔަމާ ހޭޝްޓެގު ބޭނުންކުރައްވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުންނެވެ.

ލިޔަންކިޔަން ދަތުމުގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ލިޔަންކިޔަން ދަތުމުގެ މުހިއްމުކަން އަންގައިދިނުމާ، އެކަމުގެ މައްޗަށް މުޅި މުޖުތަމަޢު ހޭލުންތެރިކުރުވުމާއި ސަމާލުކުރުވުމެވެ. ރާއްޖޭގައި މިމަސައްކަތް އެންމެ ފުޅާދާއިރާއެއްގައި ފަށައިގަނެވުނީ 1980 ވަނަ އަހަރުގެ ޖެނުވަރީމަހުގެތެރޭގައެވެ. އޭރުގެ އާބާދީގެ 18 އިންސައްތައަކީ ލިޔަންކިޔަން ނޭނގޭ މީހުންނަމަވެސް އޭގެ 10 އަހަރުފަހުން މިނިސްބަތް އެންމެ 1.8 އިންސައްތައަށް ރާއްޖެއިންވަނީ ތިރިކޮށްފައެވެ.

މިއަދު ރާއްޖޭގައި ލިޔަންކިޔަންދަންނަ މީހުންގެ ތަފާސްހިސާބަށް ބަލާއިރު 98 އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަ މީހުންނެވެ. އަދި މިނިސްބަތް ރާއްޖއިން ދަނީ ދަމަހައްޓަމުންނެވެ. ސަރުކާރުގެ އަމާޒަކީ ތަޢުލީމީ ދާއިރާއަށް ކުރާ ހޭދައިތުރުކޮށް މިދާއިރާ އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންނެވެ.