ޚަބަރު

އެމްއެންޔޫގެ "ތެވެލި 2019" ފަށައިފި


މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ބާއްވާ ތެވެލި ކޮންފަރެންސް 2019 ފަށައިފިއެވެ. ތެވެލި ކޮންފަރެންސް ފަށްޓަވައި ދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)އިން ބާއްވާ ތެވެލި ކޮންފަރެންސްގައި މިފަހަރު 111 ދިރާސާ ކަރުދާސްވަނީ ހުށައާޅާފައެވެ. "މޯޓިވޭޓް. އިންޓަރގްރޭޓް. ޑިސްކަވަރ." މި މަޢުޟޫގެ މައްޗަށް ހުށައަޅާ މިދިރާސާ ކަރުދާސްތައް ރިވިއުކުރުމަށްފަހުން އެންމެ ރަނގަޅު ދިރާސާތައް މޯލްޑިވްސް ނޭޝަނަލް ޖާނަލް އޮފް ރިސާޗުގައި ޝާއިޢުކުރުމަށްވަނީ ހަމަޖެހިފައެވެ.

އޭގެތެރޭގައި ތިމަވެއްޓާއި ސިއްޙަތާއި ސައިންސާއި ތަޢުލީމާއި ޝަރީޢާގެ ދާއިރާއިން ކަރުދާސްތަކާއި ކަމާގުޅޭ ތަޖުރިބާކާރުން ކީނޯޓް ސްޕީޗުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސްޕީކަރުން ބައިވެރިވެފައިވާކަމަށް އެމްއެންޔޫއިން މަޢުލޫމާތުދެއްވައެވެ. ތެވެލި 2019ގައި 70 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާއިރު މީގެ ތެރޭގައިވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ހިމެނެއެވެ.

ތެވެލި 2019 ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ވަރަށް އަވަސް މިނުގައި ބަދަލުވަމުންދާ ދުނިޔެއެއްގައި އެކި ދާއިރާތަކުން ދިރާސާތައްކުރެވި ކަންކަން ދެނެގަނެވުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި ރާއްޖޭގައިވެސް އެކި ފެންވަރުގެ ބައިނަލްއަޤުވާމީ ދިރާސީ ކޮންފަރެންސްތައް ބޭއްވިގެން ދިޔުމަކީ ތަޢުލީމީ ހަރުފަތުގައި ރާއްޖެވެސް ކުރިއަށް ޖެހިލިކަމުގެ ހެއްކެއްކަމަށެވެ.

ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިކޮންފަރެންސް އޮންނަނީ އެމްއެންޔޫގައެވެ. 2017ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެމްއެންޔޫއިން ބާއްވަމުން އަންނަ ތެވެލި ކޮންފަރެންސްގައި މިފަހަރު ސައުތް ކޮރެއާއާއި މެލޭޝިއާއާއި ސައުތް އެފްރިކާއާއި ބުރުނާއީއާއި އިންޑިއާއާއި ސްރީ ލަންކާފަދަ ޤައުމުތަކުން ބައިވެރިވެފައިވާކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ. ތެވެލި ކޮންފަރެންސްގައި ހުށައަޅާ ޢިލްމީ ދިރާސާތައް އަހަރުން އަހަރަށް އިތުރުވަމުންދާކަމީ ކޮންފަރެންސަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޝައުގުވެރިވާ މިންވަރު ދައްކުވައިދޭކަމެއްކަމަށް އެމްއެންޔޫއިން ދެކެއެވެ.