ޚަބަރު

ކީރިތި ޤުރްއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތުގެ އެއްވަނަ މުޙައްމަދު ސާއީ މުބާރިކް ހޯދައިފި


ކީރިތި ޤުރްއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތުގެ އެއްވަނަ އިމާދުއްދީން ސްކޫލްގެ ދަރިވަރު މުޙައްމަދު ސާއީ މުބާރިކް ހޯދައިފިއެވެ.

ބާރަސަތޭކައަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި ކީރިތި ޤުރްއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތުގެ އެއްވަނަ މުޙައްމަދު ސާއީ މުބާރިކް ހޯދާފައިވާއިރު، މިމުބާރާތުގެ 2 ވަނަ ހޯދާފައިވަނީ އިސްލާމިކް ޔުނައިޓެޑް ފޮރ އަސާސް ވިނަވި އެންޑް އިޔާރުގެ މުޙައްމަދު ނަބީޙް ރާޝިދެވެ. 3 ވަނަ ހޯދާފައިވަނީ ދައުވާ ފައުންޑޭޝަންގެ މުޙައްމަދު ނަބްހާނެވެ.

ސާނަވީ ސްކޫލްތަކުގެ ބައިން އެއްވަނަ ހޯދާފައިވަނީ ތާޖުއްދީން ސްކޫލެވެ. މަތީ ސާނަވީގެ ބައިން އެއްވަނައަށް ހޮވުނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. އަމިއްލަ މުވައްސަސާތަކުގެ ބައިން އެއްވަނަ ހޯދާފައިވަނީ އިސްލާމިކް ޔުނައިޓެޑް ފޮރ އަސާސް ވިނަވި އެންޑް އިޔާރެވެ. މި ޤުރުއާން މުބާރާތުގައި ޙާފިޒްކަމުގެ ޝަރަފު 15 ފަރާތަކުންވަނީ ޙާސިލްކޮށްފައެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމް ދިނުމަށް ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނާއިބް ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މިރައްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އެއްމެ މުހިއްމު އެއް އަމާޒަކީ ޤުރުއާނަށް އަހުލުވެރި ހެޔޮލަފާ ރަނގަޅު މުޖުތަމަޢެއް ބިނާކުރުންކަމަށެވެ. އަދި އަހަރުން އަހަރަށް މި މުބާރާތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"34 ވަނަ ޤައުމީ މުބާރާތަކީ މިމުބާރާތަށްވުރެ ފުރިހަމަ މުބާރާތަކަށް ހެދުމަށް މަސައްކަތްކުރާނަން. އަންނަ އަހަރުވެސް އޮންނާނީ މިއަހަރުގެ މުޤައްރަރު. މިހާރުންފެށިގެން ކުދިންނަށް އަންނަ މުބާރާތަށް ފަރިތަކުރުމަށް ފުރުސަތު މިހުޅުވާލީ އެކަމަށް ދެވޭ ވަގުތު އިތުރުކުރުމަށް." މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ޤައުމީ މުބާރާތުގެ މުޤައްރަރު ޢިއުލާންކުރައްވަމުން މިނިސްޓަރ ވިދާޅުވީ މުބާރާތުގައި ބައިވެރިވާ ކުދިންނަށް ދެވޭ އެލަވަންސް މިހާރަށްވުރެ ރަނގަޅުކުރުމަށް އުސޫލު މުރާޖާކުރައްވާނެކަމަށެވެ. އަދި ޤައުމީ މުބާރާތުގައި ބައިވެރިވުމަށް އަންނަ އަހަރު ކުދިން ހޮވާނީ އަތޮޅުތެރޭގައި ބާއްވާ އެކި މުބާރާތްތަކުންކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަންނަ އަހަރު ކައުންސިލްތަކަށާއި މުވައްސަސާތަކަށްވެސް ބައިވެރިވެވޭނެ ފުރުޞަތު ހުޅުވާލާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

1981 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި މިއަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 1273 ކުދިންވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ފަނޑިޔާރުކަންކޮށްދެއްވުމަށް 7 ބޭފުޅަކުވަނީ ޙަރަކާތްތެރިވެފައެވެ.