ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ކުރިވަރުގެ މަސައްކަތް 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ކޮށްފައިވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ޕީއެސްމް ނިއުސްއިން ގެނެސްދޭ އެކްސްކްލޫސިވް ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބްވެގެންއައީ ރައްޔިތުންގެ ވަރަށް ފޮނި އުންމީދުތަކަކާ އެކުގައިކަމަށެވެ. އެހެންކަމުން މަސައްކަތެއްނެތި ހުއްޓިފައި އޮންނަ ތަނެއްގެ ގޮތުގައި މަޖިލިސް ވެގެންދިއުމީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫންކަމަށެވެ.
ބުރާސްފަތި ދުވަހުންފެށިގެން މަޖިލިސް ފުރަތަމަ ދައުރުގެ ޗުއްޓީއަށް ގޮސްފައިވާއިރު، ފުރަތަމަ ދައުރުގައި ކުރެވުނު މަސައްކަތްތަކަކީ ފާއިތުވެދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން 5 އަހަރު ދުވަހުގައި ކުރެވުނު މަސައްކަތްތަކާ އެއްވަރުގެ މަސައްކަތްތަކެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިމަސައްކަތްތަކީ ސީދާ ރައްޔިތުންނާއި ގުޅުންހުރި މަސައްކަތްތަކެއް ކަމަށާއި، މަޖިލިސްގެ މިހާރުގެ މަސައްކަތް ދަނީ ރައްޔިތުންގެ އުންމީދުތަކާއި އެއްގޮތަށް ކަމަށެވެ.
މަޖިލިސް ފްލޯއާއި، ކޮމިޓީތަކުގެ މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން ރޮޒައިނާ ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މަސައްކަތްތަކަށް އެކަނި ބަލައިލި ނަމަވެސް ނިމިދިޔަ މަޖިލީހާއި ހުރި ތަފާތު ފެންނާނެކަމަށެވެ.
"މިދިޔަ 5 އަހަރު ކުރެވުނުވަރަށް މަސައްކަތް 19 މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި މިވަނީ ކުރެވިފަ. މިކަމާއި ވަރަށް ހިންހަމަޖެހޭ. މަޖިލިސް ފްލޯގައިވެސް، ކޮމިޓީތަކުގައިވެސް މިވަނީ ރެކޯޑް މިންވަރަށް މަސައްކަތް ކުރެވިފަ. އަޅުގަނޑަކީ ފާއިތުވެދިޔަ 5 އަހަރުގައިވެސް މިނިވަން މުއައްސަސާކޮމިޓީގައި އިން މެމްބަރެއް. 5 އަހަރުގެ ދައުރުގައިވެސް 40 ބައްދަލުވުން ނުބޭއްވޭ. އެކަމަކު 19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގައި އެކަނިވެސް މިވަނީ 40 ބައްދަލުވުން ބޭއްވިފަ" ރޮޒައިނާ ވިދާޅުވިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަަމ ދައުރުގެ ތެރޭގައި 31 ބިލް ހުށައެޅި 14 ބިލެއްގެ މަސައްކަތްވަނީ ނިންމާފައެވެ. 21 ޤަރާރެއް ހުށައެޅި 9 ޤަރާރެއްގެ މަސައްކަތް ނިމިފައިވާއިރު ސަރުކާރުގެ ފަރާތުން ހުށަހެޅި 15 މައްސަލައިގެ ތެރެއިން 12 މައްސަލަ އެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ރިޔާސަތުން ހުށައެޅި 22 މައްސަލައިގެ ތެރެއިން 17 މައްސަލަ ނިމި، މެންބަރުން ހުށައެޅި 9 މައްސަލަ ބަލާނިންމާފައިވާއިރު އެހެނިހެން ރިޕޯޓްގެ ގޮތުގައި 39 ރިޕޯޓް ހުށައެޅި 34 ރިޕޯތެއްގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ. މަޖިލިސް މެދުވެރިކޮށް ވަޒީރުން ޖަވާބުދާރީ ކުރުމަށް 20 ވަޒީރަކާއި ސުވާލުކުރުމަށް ހުށަހެޅުނުއިރު އޭގެ ތެރެއިން 14 ވަޒީރަކާއިވަނީ ސުވާލު ކޮށްފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ މަޖިލީހުގެ މިދައުރުގެ މަސައްކަތާއިމެދު ހިންހަމަޖެހިވަޑައިގަންނަވާ ކަމަށާއި، ދެއްވާނީ ބީ ޕްލަސް ގްރޭޑެއް ކަމަށެވެ.
ޕީއެސްއެމް ނިއުސްގެ އެކްސްކްލޫސިވް ޕްރޮގުރާމުގައި، ސަރުކާރުގެ މަސައްކަތްތައް ލަސްކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވީ 5 އަހަރުގެ ދައުރަކަށް ކަމަށެވެ. އަދި ފުރަތަމަ އަހަރުގެ ތެރޭގައި ސަރުކާރުން ހާސިލް ކުރަމުންދާ ނަތީޖާތަކަކީ އުފާކުރަންޖެހޭ ވަރުގެ ނަތީޖާތަކެއްކަމަށެވެ.
މިހާތަނަށް 45 އަށްވުރެ ގިނަ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގަމުންދާއިރު ކުރިއަށް އޮތް ޖެނުއަރީ މަހުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއް ފެއްޓުމަށް ސަރުކާރުން ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ. އަދި އޭނާ ނިސްބަތްވާ ދާއިރާއާއި، އައްޑޫ ސިޓީއަކީ މިވަގުތުވެސް ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢު ހިންގަމުންދާ ސިޓީކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
"މި ސަރުކާރު ވެރިކަމަށް އައީ ފަސްއަހަރު ދުވަހަށް. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެވަޑައިގެންފައިވާ ވައުދުތަކާއި، މެނިފެސްޓޯގައިވާ ވައުދުތައް މި މުމުއްދަތުގައި ހާސިލް ވާނެކަމާއިމެދު އެއްވެސް ޝައްކެތްނެތް. މިވީ ދުވަސްކޮޅުގައިވެސް އެމަނިކުފާނު ވަނީ މިކަން ސާބިތުކޮށްދެއްވާފަ." ރޮޒައިނާ ވިދާޅުވިއެވެ
ސަރުކާރުންވަނީ މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 15 ބިލިއަން ރުފިޔާ ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދުކޮށްފައެވެ. އަދި ސަރުކާރަށް ބޭރުގެ ފަރާތްތަކުން ދީފައިވާ އެހީތައް ހިމަނައިގެން ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ސަރުކާރުންވަނީ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހުން ފާސްކޮށްފައެވެ.