ޚަބަރު

ރިޟުވާނުގެ މަރު: އިންޓެލިޖެންސް ދެ ފުލުހުން ހައްޔަރުކުރަން ޖެހޭ ސަބަބެއް ނެތް


މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ރާއްޖެއިން ބޭރަށް ދިޔަފަހުން މަރުވި ކަމަށް ދެއްކުމަށް ޕާސްޕޯޓް ހައްދަން މަސައްކަތްކުރި ކަމަށްބުނާ ދެފުލުހުން ހައްޔަރު ކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް މަރާލައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަ ތަޙްޤީޤުކުރާ ކޮމިޝަނުން އަންގާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ރިޟުވާނުގެ ޕާސްޕޯޓް ހެއްދުމަށް ފުލުހުންގެ އިންޓެލިޖެންސްގައި ކުރިން މަސައްކަތްކުރި ދެ ފުލުހުންކަމަށްވާ މުޙައްމަދު ޖިނާޙާއި އިބްރާހީމް ރިފްޢަތުގެ މަސައްކަތްކޮށްފައިވާކަމަށް ބުނެފައިވީނަމަވެސް އެމައްޗަށް ޖިނާއީ ދަޢުވާ ކުރެވޭފަދަ ހެކިތަކެއް ލިބިފައިނުވާ ކަމަށް އެ ކޮމިޝަނުން ފުލުހުންނަށް މައުލޫމާތު ދެއްވާފައިވާ ކަަމަށެވެ.

ނަމަވެސް އެފުލުހުންނާމެދު އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި މިސަރވިސްގެ ފަރާތުން އެފުލުހުންގެ މައްސަލަ ތަޙްޤީޤުކުރުމަށް ފެންނަކަމަށް މަރުގެ މައްސަލަތައް ތަހްގީގުކުރާ ކޮމިޝަނާއެކު ފޯނުން ކުރެވުނު މަޝްވަރާގައި ވިދާޅުވެފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ފުލުހުން ވިދާޅުވީ ޖިނާޙާއި އިބްރާހީމް ރިފްއަތުގެ މައްސަލަ އިދާރީ މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކުރަން ފަށާފައިކަމަށެވެ. އަދި ބުރާސްފަތި ދުވަހު އެދެފުލުހުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރެވިފައިވާއިރު އެ ދެފުލުހުންގެ މައްސަލަ ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހެޅުމަށްދަނީ ތައްޔާރުވަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ރިޟުވާންގެ މައްސަލައިގެ ތަހްގީގުގައި ފުލުހުންގެ އިންޓެލިޖެންސްއިން މީގެކުރިން ހިންގާފައިވާ އޮޕަރޭޝަންސްތަކާގުޅޭ ކަންކަން އިތުރަށް ބަލާ ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ.

ރިޟުވާނުގެ މަރާގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ހާމަކުރި މަޢުލޫމާތުތަކާއެކު ބަންޑާރަނައިބު ވަނީ ފުލުހުންގެ އިންޓެލިޖެންސްގައި ކުރިން މަސައްކަތްކުރި ދެ ފުލުހުންކަމަށްވާ މުޙައްމަދު ޖިނާޙާއި އިބްރާހިމް ރިފްޢަތުގެ މައްސަލަބަލާ ތަޙްޤީޤު ކުރުމަށް އަންގާފައެވެ.

އަދި މިތަޙްޤީޤު ކުރާއިރު އެމުވައްޒަފުން މުޖުތަމަޢަށް ދޫވެފައި ތިބުމަކީ މިމައްސަލައިގައި މިނިވަން ތަޙްޤީޤެއް ހިންގުމަށް ހުރަސްއެޅިދާނެ ކަމެއްކަމަށް ފެންނާތީ އެ ދެފުލުހުން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުގައި އެދުމަށްވެސް ވަނީ ދަންނަވާފައެވެ.

ރިޟުވާން ރާއްޖެއިން ބޭރަށް ދިޔަފަހުން މަރުވިކަމަށް ދެއްކުމަށް އޭނާގެ ޕާސްޕޯޓު ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކާރނަލް ޢަބްދުއްރައޫފް، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި މުޢާމަލާތްކޮށްފައިވާތީ، ކާރނަލް ޢަބްދުއްރައޫފްގެ މައްސަލަ ބަލާ ތަޙްޤީޤު ކުރުމަށްވެސް ބަންޑާރަ ނައިބު ލަފާދެއްވާފައިވެއެވެ.

މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން ފުލުހުންނަށް ވެސް ސިޓީއެއް ފޮނުއްވާފައިވާކަމަށެވެ.

ރިޟުވާންގެ މަރުގެ މައްސަލައިގެ ތަހްގީގު ޑްރާފްޓް ރިޕޯޓުގައިވާ ދެފުލުހުންކަމަށްވާ އިބްރާހީމް ޚަލީލާއި އަޙްމަދު ހަމީދު ޢަބްދުއްރަހީމްގެ ނަން ފާހަގަކޮށްފައިވަނީ އެފަރާތްތަކަކީ އެ ކޮމިޝަންއަށް ބަޔާންދެއްވި ފަރާތްތަކެއްކަމަށްވާތީކަމަށް އަންގާފައިވާކަމަށެވެ. އެހެން ކަމުން އިބްރާހިމް ޚަލީލާއި އަޙްމަދު ހަމީދު ޢަބްދުއްރަހީމްގެ އެއްވެސް މައްސަލައެއް އޮތްކަމަށް އެކޮމިޝަނަށް ފާހަގަ ނުކުރެވޭކަމަށް ވަނީ އަންގާފައިކަމަށް ވިދާޅުވެފައިވެއެވެ.