ޚަބަރު

މަޝްވަރާތަކުގެ އިސްފަރާތެއްގެ ގޮތުގައި އަދިވެސް ދެކެނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު: ވިލާތުގެ އިއްތިޙާދު


ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާއިގުޅޭގޮތުން ކުރެވޭ މަޝްވަރާތަކުގެ އިސްފަރާތެއްގެ ގޮތުގައި އެ އިއްތިޙާދުން އަދިވެސް ދެކެނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ބުނެފިއެވެ. ވިލާތުގެ އިއްތިޙާދުގެ ތަރުޖަމާނު މިނާ އަންދްރީވާ ދެއްވި ބަޔާނެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތުގައި ދާޚިލީ ނިންމުންތަކުގެ މިސްރާބަށް ބަދަލުތަކެއް އައިކަމުގައި ވީނަމަވެސް، އީޔޫއިން ދެކެނީ އިނގިރޭސިވިލާތުގެ ޙާލަތު ރަނގަޅުކަމަށެވެ.

އެހެންކަމުން އިނގިރޭސިވިލާތުން "ނޯޑީލް ބްރެގްޒިޓް" ނުވަތަ އެއްބަސްވުމަކާނުލާ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވިޔަނުދިއުމަށް މަސައްކަތްކުރުމަށް ބާއްވާ ފަންނީ ބައްދަލުވުންތައް ބޮޑުވަޒީރު ޖޮންސަންއާއެކު ކުރިއަށް ދާނެކަމަށްވެސް އަންދްރީވާ ވިދާޅުވިއެވެ. "ނޯޑީލް ބްރެގްޒިޓް"އަކީ އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވާން މިހާރު ކަނޑައެޅިފައިވާ ތާރީޚްކަމުގައިވާ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހާ ހަމައަށް އެއްބަސްވުމަކަށްނާދެވުނަސް އިއްތިހާދުން ވަކިވުމެވެ. އެހެންވެއްޖެނަމަ ވިލާތުގެ އިއްތިޙާދާއި އިނގިރޭސިވިލާތާއި ދެމެދު ވިޔަފާރީގެ އެއްވެސް އެއްބަސްވުމެއް ނޯންނާނެއެވެ.

އެއްބަސްވުމެއްނެތި އިނގިރޭސިވިލާތުން އީޔޫއިން ވަކިވެއްޖެނަމަ ޢަމަލުކުރާނެ ގޮތްތަކަކާއި ބެހޭގޮތުން ބުދަދުވަހު އީޔޫގެ ކޮމިޝަނަރުންވަނީ މަޝްވަރާކޮށްފައެވެ. މި މަޝްވަރާތަކަށްފަހު އެ ސަރަޙައްދުގެ ވިޔަފާރިތަކާއި، މަސައްކަތްތެރިންނަށާއި ދަނޑުވެރީންނަށް ޔޫރަޕިއަން ސޮލިޑަރިޓީ ފަންޑުގެ އެހީގައި މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވަނީ އިޢުލާނުކޮށްފައެވެ.

މި ފަންޑަކީ އާއްމުގޮތެއްގައި ޤުދުރަތީ ކާރިޡާތައް މެދުވެރިވުމުން އެހީތެރިވުމަށް ބޭނުންކުރާ ފަންޑެކެވެ.