ޚަބަރު

އާސަންދައިގެ ދަށުން ކުރާ ހުރިހާ ދަތުދެއް ޤައުމީ އެއާލައިނަށް


އާސަންދައިގެ ދަށުން ބަލިމީހުން އުފުލުމަށް އަހަރެއްގެ މައްޗަށް އެވްރެޖްކޮށް އެއް ބިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކުރާ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.އާސަންދައިން މިއަދު ވަނީ ވައިގެ މަގުން ބޭސްފަރުވާއަށްދާ ފަރާތްތަކުގެ ޓްރެވަލް ޕާޓްނާރއަކަށް ގައުމީ އެއަރލައިން މޯލްޑިވިއަން ހަމަޖައްސާފައެވެ.އާސަންދައިގެ ދަށުން ވައިގެ މަގުން ކުރާ ހުރިހާ ދަތުރެއް، ގައުމީ އެއަރލައިން މޯލްޑިވިއަނުން ކުރާ ގޮތަށް ހަމަޖެހިގެން ދިއުމަކީ، ސަރުކާރު އެއަރލައިން ކުރިއެރުވުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.އާސަންދައިގެ ޓްރެވަލް ޕާޓްނަރ އަކަށް ޤައުމީ އެއާލައިން ހަމަޖެއްސުމުގެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމަށް މިއަދު އައިލެންޑް އޭވިއޭޝަން ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މައުމޫން އަބްދުލް ސަމަދު ވިދާޅުވީ ސަރުކާރުން އެޅި މި ފިޔަވަޅަކީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އިމަޖެންސީގައި ރާއްޖެއިން ބޭރަށް ފޮނުވާލާ މީހުންނަށް ޖާގަ ލިބުމުގައި ހުރި ދަތިކަމަށް މި އެއްބަސްވުމުގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ. އެގޮތުން އިމަޖެންސީގައި ފޮނުވާލާ ފަރާތަށް ފްލައިޓުން ޖާގަދޭ ފަރާތަށް ލިބޭ ގެއްލުމުގެ ބަދަލުވެސް އާސަންދައިގެ ދަށުން ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އަބްދުލް ހާރިސް،ވިދާޅުވީ އާސަންދައިގެ ޓްރެވަލް ޕާޓްނަރ އަކަށް ހަމަޖެހިގެން ދިއުމާއެކު އެ ކުންފުނިން އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވާލާނެ ކަމަށާއި، މިކަމުން ލިބޭ މާލީ ފައިދާއަކަށްވުރެ ބޮޑަށް އައިލެންޑް އޭވިއޭޝަނުން މަސައްކަތް ކުރާނީ، ބަލިމީހުން ބޭނުންވާފަދަ ޚިދުމަތްތަކެއް ދިނުމަށް ކަމަށެވެ.ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ސީ އީ އޯ، މުޖުތަބާ ޖަލީލު ވިދާޅުވީ، އާސަންދައިގެ ދަށުން ބަލިމީހުން ފޮނުވުމުގައި ފަސޭހަ ކުރުމުގެ ގޮތުން މޯލްޑިވައިންގެ ކައުންޓަރުތަކުން ބަލިމީހުންގެ ޓިކެޓްތައް ލިބޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ.މި އެއްބަސްވުމުގެ ދަށުން، އަތޮޅުތަކުން މާލެއަށް ކުރާ ދަތުރުތަކާއި، އިންޑިއާ އަދި ސްރީލަންކާއަށް ބޭސްފަރުވާ އަށްދާ މީހުންގެ އުފުލާނީ ގައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓްތަކުގައެވެ.