މިމަހުގެ ތެރޭގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޗައިނާއަށް ރަސްމީ ގަތުރުފުޅެއްގައި ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މިއީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު 2018ވަނަ އަހަރު ވަޒީރުކަމާ ޙަވާލުވެ ވަޑައިގެންނެވިފަހުން ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގެ ތައްޔާރީތަކާއި، ދަތުރުފުޅުގައި މަޝްވަރާކުރައްވާނެ ދާއިރާތަކާ ގުޅޭގޮތުން ފޮރިން މިނިސްޓަރ ޝާހިދު މިއަދުވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ޖަންގް ލިޖޮންގްއާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.
މިނިސްޓަރ ޗައިނާއަށް ވަޑައިގަންނަވާނީ މިމަހުގެ މެދުތެރޭގައިކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވެއެވެ. ފޮރިން މިނިސްޓަރ ޗައިނާއަށް ކުރައްވާ މިދަތުރުފުޅުވެގެންދާނީ ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ދަތުރުފުޅަކަށްކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ.
ސަފީރު ޖަންގް ލިޖޮންގްއާއެކު ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގައިވަނީ ދެޤައުމު ގުޅިގެން ކުރިއަށްގެންދާ އެކި މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތު ޙިއްސާކުރައްވައި، ކުރިއަށްއޮތް ތަނުގައި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.