ޚަބަރު

މާލޭގެ ނަރުދަމާގެ ނިޒާމު ފަރުމާކުރެވިފައިއޮތީ އިތުރުވާ އާބާދިއަށް ވިސްނާފައެއް ނޫން - އެންވާރަމެންޓް މިނިސްޓަރ


މާލޭގެ ނަރުދަމާގެ ނިޒާމު ފަރުމާކުރެވިފައިވަނީ މާލޭގައި މިހާރު ދިރިއުޅޭ އާބާދީއަށް އަމާޒުކޮށްގެން ނޫންކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލޭގެ ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލައާއި ގުޅޭގޮތުން މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށް އެމްޑަބްލިއުއެސްސީ އިން މަސައްކަތް ކުރައްވަމުންދާކަމަށެވެ. މި ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަޔަކީ ނަރުދަމާގެ ނިޒާމު ފުރަތަމަ އެޅިއިރު މާލޭގެ އާބާދީ މިވަރަށް އިތުރުވެގެންދާނެ ކަމަށް ނުބެލި އޮތުމުންކަމަށެވެ.

މިމައްސަލަ ހައްލުކުރުމަށް މާލޭގައި މިހާރު ކުރަންޖެހޭ މަސައްކަތަކީ އިތުރަށް ހޮޅި އެޅުންކަމަށާއި، ނަމަވެސް މިއީ މިމައްސަލައަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގައި އިތުރު ގޮތްތަކެއް ހޯދުމަށް އެމްޑަބްލިއުއެސްސީއާއި، މިނިސްޓްރީ އާއި ކަމާއިބެހޭ އެހެންފަރާތްތަކާއި ގުޅިގެން މަޝްވަރާ ކުރެވެމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ރާއްޖޭގެ ކުނީގެ މައްސަލައާއި ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ކުނީގެ މައްސަލަޔަކީ މުޅި ރާއްޖޭގައި އޮތް ވަރަށްބޮޑު މައްސަލައެއްކަމަށެވެ. މިމައްސަލަ ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި ކުނީގެ މައްސަލަ ހައްލުކުރުމަށް މުޅި ރާއްޖޭގައި ޕްރޮގުރާމެއް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިކަން ކުރުމަށް ބިޑްކުރެވި މިމަސައްކަތުގެ އެންމެ ފަހުގެ މަރުހަލާ ފުރިހަމަކުރުމަށް މިނިސްޓްރީ އޮފް ފިނޭންސާއި ހަވާލުކުރެވިފައިވާކަމަށްވެސް މިނިސްޓަރ ހުސެއިން ވިދާޅުވިއެވެ.

ކުނީގެ މައްސަލަތަކާއި، ނަރުދަމާގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ ވަރަށްބޮޑު ސިޔާސަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މިކަންކަން ކުރުމުގައި ސަރުކާރުން މަސައްކަތްކުރަނީ ދާއިމީ ހައްލެއް ލިބޭނެ ގޮތަކަށް ކަންކަން ކުރުމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.