ވިޔަފާރި

ޖަޕާނުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް


ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 15 އިންސައްތަ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްތައް ދައްކާގޮތުން މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ޖަޕާނުން ރާއްޖެއަށް ފަންސަވީސް ހާސް ހަތަރު ސަތޭކަ ސައްބީސް ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. ހުސްވި އަހަރުގެ މި މުއްދަތުގައި ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ބާވީސް ހާސް އެއް ސަތޭކަ ދިހަ ފަތުރުވެރިންނެވެ.

ޖަޕާނަކީ ރާއްޖެއަށް 9 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ހުސްވި އަހަރު ނިމުނު އިރު ޖަޕާނުން ސާޅީސް ދެ ހާސް ތިން ސަތޭކަ ހަތަރު ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ 2017ވަނަ އަހަރާ އަޅާ ބަލާއިރު 3 އިންސައްތަ އިތުރު އަދެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެ 1 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް މި ސަރުކާރުން އަމާޒުހިފާފައިވާއިރު، މިސަރުކާރަށް 1 އަހަރުވުމުގެ ކުރިން މި އަމާޒު ހާސިލްކުރެވޭތޯ ޓޫރިޒަމް މިނިސްޓްރީން މަސައްކަތްކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ޖުލައިމަހު ރާއްޖެއަށް އެއް ލައްކަ ބައްތިރީސް ހާސް އެއްސަތޭކަ ސާޅީސް ހަތަރު ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2018 ވަނަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު 8 އިންސައްތަ ކުރިއެރުމެކެވެ.