ޚަބަރު

ރިޟްވާނުގެ މަރާ ގުޅޭ ތަޙްޤީޤު ރިޕޯޓު ޕީޖީ ލީޑަރުންގެ އަތުން އަތުލާފައެއް ނުވާނެ - މަޖިލިސް


މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓުގެ ކޮޕީ، ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރުންގެ އަތުން އަނބުރާ އަތުލާފައިނުވާމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

ރިޟުވާންގެ މަރުގެ ތަހްޤީޤަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓުގެ ޚުލާސާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާއިރު، ރިޟްވާންގެ މައްސަލައިގެ ތަޙްޤީޤު ރިޕޯޓް ވަނީ މަޖިލީހުގެ ޕީޖީ ލީޑަރުންނާއި ހިއްސާކުރައްވާފައެވެ. ޕީޖީ ލީޑަރުންނާއި އެ ރިޕޯޓް ހިއްސާކުރުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފަޅުކުރަމުންދާތީ މަޖިލީހުގެ ރައީސް ވިދާޅުވަނީ އެރިޕޯޓްގެ ސިއްރު ޕީޖީ ލީޑަރުން ހިފަހައްޓާނެކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތްކަމަށެވެ.

އެ ރިޕޯޓާމެދު މެމްބަރުންގެ މެދުގައި ބަހުސްކުރުމަށް ހުޅުވާލުމުން މެމްބަރުންވަނީ ގިނަ ކަންބޮޑުވުންތަކެއް ހާމަކުރައްވާފައެވެ. ކަން ހިނގިގޮތް ތަފްސީލުކޮށް ރިޕޯޓުން އެގެންއޮތްއިރު، މިމައްސަލާގައި ހިމެނޭ ފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް ނާޅާކަމީ ކަންބޮޑުވާކަމެއްކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ރިޟުވާންގެ މައްސަލާގައި މަޖިލީހާއި ހިއްސާކުރެއްވި ޙުލާސާރިޕޯޓް އާންމުކުރީ މިމައްސަލާގައި ދެން އިތުރަށް ލިބޭނެ ކުރިއެރުމެއް ނެތުމުން ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.