ކުޅިވަރު

މޮޅަކާއިއެކު ގުޑީސް މުބާރާތް ނިންމާލައިފި


ރުޕަވަހީނީ ކްލަވް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ސުޕަލީގް ފިރިހެން ބައިގަ ވާދަކުރި ރާއްޖޭގެ ގުޑީސްއިން މޮޅަކާއިއެކު މުބާރާތް ނިންމާލައިފިއެވެ.

ލީގު އުސޫލުން ކުރިއަށްދިޔަ މިމުބާރާތުގައި ގުޑީސްއަށ މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް އެޓީމުން ވަނީ މުބާރާތުގައި ކުޅުނު ފަހު މެޗް ކާމިޔާބުކޮށްފައެވެ. އެޓީމުން ފަހު ދެ މެޗަށް ނިކުތްއިރުވެސް އޮތީ މުބާރާތުގެ ފައިނަލުން ފުރުސަތު ގެއްލިފައެވެ. ފުރަތަމަ މެޗުގައި ވާދަކުރީ ސްރީލަންކާ ނޭވީ އާއި ދެކޮޅަށެވެ. މިމެޗުގައި ގުޑީސް އިން ރަނގަޅު ކުޅުމެއް ދެއްކިނަމަވެސް އެޓީމް ބަލިވީ 3-1ސެޓުންނެވެ.

ވާދަވެރި މެޗުގެ ފުރަތަމަ ސެޓު ނޭވީ ޓީމުން ގެންދިޔައީ 27-25އިންނެވެ. ދެވަނަ ސެޓު ނޭވީ ޓީމުން ކާމިޔާބުކުރީ 25-18 އިންނެވެ. އެހެންނަމަވެސް ތިންވަނަ ސެޓުގައި ރަނގަޅު ކުޅުމެއް ދައްކައި ގުޑީސްއިން ވަނީ ތިންވަނަ ސެޓު ހޯދާފައެވެ. މި ސެޓު ގުޑީސްއިން ގެންދިޔައީ 25-19އިންނެވެ. ނޭވީ ޓީމުން މެޗު ކާމިޔާބުކުރީ ހަތަރުވަނަ ސެޓު 25-20އިން ހޯދައިގެންނެވެ.

ފުރަތަމަ މެޗު ނިންމާލުމަށްފަހު ގިނަ ވަގުތު ރެސްޓްކޮށްލަން ނުލިބި ގުޑީސްއިން ފަހު މެޗަށް ނިކުތެވެ. ނޭޝަނަލް ޔޫތް ސަރވިސެސް ކައުންސިލްއާއި ވާދަކުރި މެޗު އެޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ގުޑީސްއިން ގެންދިޔައީ 25-17، ފަންސަވީސް ނަވާރަ އަދި ފަންސަވީސް ވިހިންނެވެ.