ޚަބަރު

ނޫސްވެރިޔާ ރިޟްވާން މަރާލުމަކީ މުޅި މީޑިއާއަށް ދިން އުދުވާނީ ޙަމަލާއެއް - މީޑިއާ ކައުންސިލުން


ނޫސްވެރިޔާ ރިޟްވާން ރަހީނުކޮށް މަރާލުމުގެ ޙާދިސާއަކީ މުޅި މީޑިއާއަށް ދިން އުދުވާނީ ޙަމަލާއެއްކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

މީޑިއާ ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނެގައި ބުނެފައިވަނީ މި ޙާދިސާއަކީ ދިވެހިރާއްޖޭގެ މީިޑިއާގެ ކުރިމަގާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތިވި ބިރުވެރި ނުރައްކާތެރި ކަމެއްކަމަށެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލުމަށް ސީރިއަސް މަސައްކަތްތަކެއް ކުރުމަށް ކަމާބެހޭ އިދާރާތަކަށް މީޑިއާ ކައުންސިލުންވަނީ ގޮވާލައްވާފައެވެ.

މި ބަޔާނުގައި ބުނެފައިވަނީ ނޫސްވެރިންނާއި، މީޑިއާ ސްޓޭޝަންތަކަށްދޭ އެކި އިންޒާރުތައް ސީރިއަސްކަމެއްގެ ގޮތުގައި ބަލައި ތަޙްޤީޤުކޮށް، ނޫސްވެރިނަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް ކައުސިލުށް ގޮވާލާކަމަށެވެ.

މީޑިއާ ކައުންސިލުން ބުނެފައިވަނީ ނޫސްވެރިންގެ ރައްކާތެރިކަމަށާއި، މިނިވަން މީޑިއާގެ ވެއްޓެއް ޤާއިމުކޮށް ނޫސްވެރިންގެ މަސައްކަތަކަށް ހުރި ހުރަސްތައް ނައްތާލުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ފަސްނުޖެހި ކުރަމުންދާނެކަމަށެވެ.

މީގެއިތުރުން މީޑިއާ ކައުންސިލުން ވަނީ ރިޟްވާންގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތަކަށް ހުރަސް އެޅޭ ފަދަ ގޮތަށް އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށާއި، މިކަމާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ޒިންމާދާރިކަމާއިއެކު މަސައްކަތް ކުރުމަށް މީޑިއާތަކަށް ގޮވާލާފައެވެ.