ޚަބަރު

އެމް.ޑަބްލިޔު.އެސް.ސީގެ 66 މުވައްޒަފަކަށް ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގައިފި


މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމެއް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)ގެ 66 މުވައްޒަފަކަށް ހިންގައިފިއެވެ.

މި ޕްރޮގްރާމަކީ އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ތަފާތުކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކަން އުފައްދައި، ޖެންޑަރ އިކުއަލިޓީގެ ޤާނޫނާއި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް މުވައްޒަފުން އަހުލުވެރިކުރުވައި، މި ބާވަތުގެ މައްސަލަތަކާ މެދު ހޭލުންތެރިކަން އިތުރުކުރުވުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި މަހުގެ 2ން 4ށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި އެމް.ޑަބްލިޔު.އެސް.ސީގެ ސީނިއަރ މެނޭޖްމަންޓާއި، ސުޕަވައިޒަރ ލެވަލްގެ މުވައްޒަފުންނާއި، ހިއުމަން ރިސޯސް އަދި ލީގަލްގެ މުވައްޒަފުން ހިމެނޭ ގޮތަށް، ޖުމުލަ 55 ފިރިހެން މުވައްޒަފަކާއި 11 އަންހެން މުވައްޒަފަކު ބައިވެރިވެފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމްގެ އިތުރުން، މިނިސްޓްރީން މި އަހަރު ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 50 މުވައްޒަފަކަށް ވެސް ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގާފައެވެ.