ބްރޯޑްކާސްޓިންގް ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ނާއިބު ރައީސް ފާތިމަތު ޒައިނާ މަޤާމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމެޓީން އަނެއްކާވެސް ފާސްކޮށްފިއެވެ.
ޝަހީބާއި ޒައިނާ މަގާމުން ވަކި ކުރުމާއި ގުޅޭ މައްސަލައިގެ ރިޕޯޓު އަނބުރާ މަޖިލީހުގެ ތަޅުމަށް ފޮނުވާލުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމީ އެ ކޮމޮޓީން މިއަދު ބޭއްވި ބައްދަލުުވުމުގައެވެ.
މާދަމާގެ ޖަލްސާގައި މި ދެ މެންބަރުން ވަކިކުރުމާއިމެދު ގޮތެއް ނިންމާނެކަން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ޝަހީބާއި ޒައިނާ ކޮމިޝަނުން ވަކިކުރުމަށް މިދިޔަ ޖުލައި މަހުގެ 24 ވަނަދުވަހުވެސް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމާ އެ މައްސަލަ ވަނީ ތަޅުމަށް ފޮނުވާފައެވެ. އެހެންނަމަވެސް އެ މައްސަލަ އޭރު އެޖެންޑާކޮށްފައިނުވަނީ މަޖިލީހުގެ ޤަވައިދު އިސްލާހުކުރަމުގެ މަސައްކަތް ކުރިޔަށްދިޔުމުންނެވެ.
މަޖިލީހުގެ އައު ޤަވައިދު ފާސްކުރުމުން އެ ޤަވައިދުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ޝަހީބާއި ޒައިނާ މައްސަލަ އަލުން އަނބުރާ ކޮމެޓީއަށް ފޮނުވާލީ މިިދިޔަ މަހުގެ 29 ވަނަދުވަހުއެވެ.
މަޖިލީހުގެ އައު ޤަވައިދު ބުނާގޮތުން މިނިވަން މުވައްސަސާތަކާއި މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުން ވަކި ކުރެވޭނީ އެ މައްސަލަ ފުރަތަމަ މަޖިލީހުގެ ތަޅުމަށް ހުށައެޅުމަށްފަހު ކޮމެޓީއަށް ފޮނުވާ ކޮމެޓީން ދިރާސާކުރުމަށްފަހު ފެންނަ ގޮތުގެ ރިޕޯޓް އަލުން މަޖިލީހުގެ ތަޅުމަށް ހުށައަޅައިގެންނެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ 2 މެމްބަރަކު ވަކިކުރުމަށް ނިންމާފައިވަނީ ކޮމިޝަންގެ މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށްފަހުއެވެ. އެކޮމިޝަނުގެ މެންބަރުންގެ މައްސަލަތައް މަޖިލީހުގެ ކޮމިޓީން ބަލަމުން އަންނަނިކޮށް އެ ކޮމިޝަންގެ މެންބަރު އިސްމާޢީލް ޞަފްވާނާއި، ޙަސަން ނަބާޙު ވަނީ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ. ޞަފްވާން މަޤާމުން އިސްތިއުފާދެއްވާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާއަށް ނިކުމެވަޑައިނުގެން މުސާރަ ނެންގެވުމަށްފަހުއެވެ.
ޞަފްވާނާއި، ނަބާޙު އިސްތިއުފާދެއްވުމުން ކޮމިޝަނުން ހުސްވެފައިވާ ދެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ 36 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.
މާދަމާ އޮންނާނީ މަޖލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާއެވެ.